ނޭޕާލްގެ ފުރަތަމަ އަންހެން ވެރިޔާގެ ގޮތުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ސުޝީލާ ކާރކީ އައްޔަންކޮށްފި

Advertisement

އެންމެ ފަސް

Advertisement

ނޭޕާލްގައި މިދިޔަ ހަފްތާގައި ހިނގި މަރުގެ މުޒާހަރާތަކަށްފަހު އެ ގައުމުގެ ވަގުތީ ބޮޑުވަޒީރުކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ސުޝީލާ ކާރކީ އައްޔަންކޮށްފި އެވެ.

މި މުޒާހަރާތަކުގައި މަދުވެގެން 51 މީހުން މަރުވެ، 1،300 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.

73 އަހަރުގެ ކާރކީއަކީ ނޭޕާލްގެ ފުރަތަމަ އަންހެން ވެރިޔާގެ އިތުރުން، އެ ގައުމުގެ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރުކަން ކުރި ހަމައެކަނި އަންހެން ފަރާތެވެ. ރައީސް ރާމްޗަންދްރަ ޕައުޑެލްގެ އޮފީހުން ހުކުރު ދުވަހު އިއުލާނުކުރި ގޮތުގައި ކާރކީގެ އައްޔަންކުރުމާއެކު، އޭނާ ވަނީ މަޤާމުގެ ހުވާކުރައްވާފައެވެ.

ފުލުހުންގެ ތަރުޖަމާނު ބިނޯދް ގިމިރެ ހާމަކުރި ގޮތުގައި މަރުވި މީހުންގެ ތެރޭގައި 21 މުޒާހަރާކުރާ މީހުންނާއި، 9 ޖަލު ބަންދުގައި ތިބި މީހުންނާއި، 3 ފުލުހުންނާއި އަދި އިތުރު 18 މީހުން ހިމެނެއެވެ. އަދި ހަމަނުޖެހުންތަކާ ގުޅިގެން ގައުމުގެ އެކި ޖަލުތަކުން 13،500 އަށްވުރެ ގިނަ މީހުން ފިލައިގެން ގޮސްފައިވާއިރު، މިހާތަނަށް 12،533 މީހުން އަދިވެސް ފިލައިގެން އުޅެއެވެ.

ހޯމަ ދުވަހު ފެށުނު މުޒާހަރާތަކުގައި މުޒާހަރާކުރި ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާ މަނާކުރުމާއި، ކޮރަޕްޝަނާއި އަދި ސަރުކާރު ހިންގުން ދެރަވުމާ ދެކޮޅަށް އަޑުއުފުލާފައެވެ. އަދި އަންގާރަ ދުވަހު މުޒާހަރާކުރާ މީހުން ޕާލިމެންޓް އަންދާލުމާ ގުޅިގެން، ކުރީގެ ބޮޑުވަޒީރު އޯލީ އިސްތިއުފާދީ، ސިފައިން މަގުތަކުގެ ބާރު ހިފިއެވެ.

އިންޑިއާ އާއި ޗައިނާގެ ދެމެދުގައި އޮންނަ ނޭޕާލްގައި 2008 ގައި ރަސްކަން އުވާލުމަށްފަހު ސިޔާސީ އަދި އިގްތިސާދީ ހަމަނުޖެހުންތަކާ ކުރިމަތިލާންޖެހިފައިވެއެވެ. ނަމަވެސް މިހާރު ކަތްމަންޑޫގައި އާންމު ހާލަތަށް އެނބުރި ދާކަމުގެ ނިޝާންތައް ފެންނަން ފަށާފައިވާއިރު، ފިހާރަތައް އަލުން ހުޅުވައި، މަގުތަކުގައި އާންމު ދަތުރުފަތުރު ކުރަން ފަށާފައިވެއެވެ.

ނޭޕާލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ