ނޭޕާލްގައި މިވަގުތު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެ ޤައުމުގައި ދިރިއުޅޭ އަދި ދަތުރުފަތުރުކުރާ ދިވެހިންނަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އިތުރު ދަތުރުތައް ނުކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ކަތަމަންޑޫގެ ގިނަ ސަރަޙައްދުތަކެއްގައި ކަރުފިއު އިޢުލާންކޮށްފައިވާތީ، އެ ސަރަޙައްދުގައި ދިރިއުޅޭ އަދި ދަތުރުފަތުރުކުރާ ދިވެހިން ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގުމައްޗަށް ނުނިކުތުމަށެވެ.
މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ނޭޕާލްގައި ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެ ޤައުމުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކޮށް، މި ޚާއްޞަ ޙާލަތުގައި ބޭނުންވާ ލުއިފަސޭހަތައް ހަމަޖައްސައިދިނުމަށް އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުންނާއި މިނިސްޓްރީން މަސައްކަތްކުރަމުންދާ ކަމަށެވެ.
ނޭޕާލްގެ މިހާރުގެ ހަމަނުޖެހުންތަކަކީ ކޮރަޕްޝަނާ ދެކޮޅަށް ޒުވާނުން ކުރި މުޒާހަރާއަކާ ގުޅިގެން ފެށުނު ހަމަނުޖެހުންތަކެކެވެ. މި ހަމަނުޖެހުންތަކުގައި 19 މީހަކު މަރުވެ، 100 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. އަދި މި ހަމަނުޖެހުންތަކާ ގުޅިގެން ނޭޕާލްގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީ ވަނީ އިސްތިއުފާ ދެއްވާފައެވެ.
ނޭޕާލްގައި ތިބި ދިވެހިންނަށް އެއްވެސް އެހީތެރިކަމެއް ބޭނުންވެއްޖެނަމަ އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ނަންބަރު 919910040786+ އަށް ނުވަތަ ފޮރިން މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 7983400 އަށް ގުޅުމަށް އެ މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ.