ކޭ-ޕާކުގެ އެޕާޓްމެންޓްތަކެއް މީހަކާ ހަވާލު ކުރަން ކޯޓުން އަމުރުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ހަންބޯ މޯލްޑިވްސް ކުންފުނި މެދުވެރިކޮށް ވިއްކާފައިވާ ކޭ-ޕާކްގެ ހަތަރު އެޕާޓްމަންޓް، އެ އެޕާޓްމަންޓްތައް ގަތް ފަރާތާ ހަވާލުކުރުމަށް އެ ކުންފުންޏަށް ސިވިލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

ސިވިލް ކޯޓަށް މި މައްސަލަ ހުށަހެޅި ގ. ކަކާގެ އަލީ އާދަމް އެދިފައިވަނީ ކޭޕާކު ރެސިޑެންސްގެ ފަސްވަނަ އަދި ހަތްވަނަ ފަންގިފިލާގައި ހަދާފައިވާ ހަތަރު އެޕާޓްމަންޓް އޭނާއާ ހަވާލުކުރުމަށް ނުވަތަ އެ އެޕާޓްމަންޓްތަކަށް ދައްކާފައިވާ 2.9 މިލިއަން ރުފިޔާ އަނބުރާ ދިނުމަށް އަމުރުކޮށްދިނުމަށެވެ.

މި މައްސަލައިގައި ހަންބޯ ކުންފުނިން ކޯޓަށް ޖަވާބުދާރީވެފައި ނުވާތީ، ކުންފުނީގެ ގައިރު ހާޒިރުގައި ކުރި ހުކުމުގައި އަމުރުކޮށްފައިވަނީ ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި އެޕާޓްމަންޓްތައް އަލީ އާދަމާ ހަވާލުކުރުމަށެވެ. އަދި އެޕާޓްމަންޓްތައް ހަވާލު ނުކުރެވޭނަމަ، އޭގެ އަގަށް ދައްކާފައިވާ 2.9 މިލިއަން ރުފިޔާ އަނބުރާ ދިނުމަށެވެ.

ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި އެޕާޓްމަންޓްތައް ވިއްކުމުގެ އެއްބަސްވުމުގައި 2023 އެޕްރީލް 3 ވަނަ ދުވަހު ހަންބޯ ކުންފުނީގެ ޑިރެކްޓަރު ހަސަން މަމްދޫހު ސޮއިކޮށް، ކުންފުނީގެ ސިއްކަ ޖަހާފައިވެ އެވެ. އަދި ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް ބަލާއިރު މި ހަތަރު އެޕާޓްމަންޓަކީވެސް އަލީ އާދަމާ ހަވާލުކުރަންޖެހޭ ތަންތަންކަން އެނގޭކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

ކޭ-ޕާކު މައްސަލައިގައި މަމްދޫހުގެ މައްޗަށް 104 ދަޢުވާއެއް އުފުލާފައިވެ އެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 3 ދައުވާ، ޓެކުމުގެ ކުށުގެ 50 ދައުވާ، އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ކުށުގެ 50 ދައުވާ އަދި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގައި ޕީޖީ އޮފީހުން މީގެކުރިން ބުނެފައިވަނީ ދައުވާ ކޮށްފައިވަނީ ކޭޕާކް ރެޒިޑެންސްގެ ޖުމްލަ 23 އެޕާޓްމަންޓެއް ވިއްކާފައިވާ މައްސަލަތަކާއި ގުޅޭ ދަޢުވާތަކެއް ކަމަށެވެ. މި 23 އެޕަރޓްމަންޓް 50 މީހުންނަށްވުރެ ގިނަ މީހުންނަށް ވިއްކާފައިވާ ކަމަށެވެ. މިގޮތުން ބައެއް އެޕަރޓްމަންޓް 6 މީހުންނަށްވެސް ވިއްކާފައި ހުރިކަމަށެވެ.

ކްރިމިނަލް ކޯޓުން ވަނީ މަންޑޭގެ އެޕާޓްމެންޓާއި މުދާ ޝަރީއަތް ނިމެންދެން ހިފެހެއްޓުމަށް މީގެ ކުރިން އަމުރުކޮށްފަ އެވެ.

ހަސަން މަމްދޫހު (މަންޑޭ) ސިވިލް ކޯޓު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ