މީޑިއާ ކޮންޓްރޯލް ކުރާ ބިލު މަޖިލީހުން ބޭރު ކުރަން ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ގޮވާލައިފި

Advertisement

އެންމެ ފަސް

Advertisement

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، މީޑިއާގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް އޮތް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލަކީ މިނިވަން މީޑިއާއަށް އޮތް ނުރައްކަލެއް ކަމަށް ބުނެ، އެ ބިލު މަޖިލީހުން ބޭރުކޮށްލުމަށް ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ބައިނަލްއަޤުވާމީ ޖަމިއްޔާ ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިން ގޮވާލައިފި އެވެ.

އާރުއެސްއެފް އިން ބުނީ، އާ މީޑިއާ ބިލުގައި ކަންބޮޑުވާ ގިނަ ކަންކަން އެބަހުރި ކަމަށާއި، އެ ބިލު އަނބުރާ ގެންދިއުމަށް ދިވެހި ސަރުކާރަށް ގޮވާލާ ކަމަށެވެ. މީޑިއާ ރިފޯމު ކުރުމުގެ ނަމުގައި ހުށަހަޅާފައިމިވާ ބިލަކީ، ހަގީގަތުގައި މީޑިއާއަށް ސަރުކާރުގެ ނުފޫޒު ހިންގަން ހުށަހަޅާފައިވާ ބިލެއް ކަމަށް އާރުއެސްއެފް އިން ވަނީ ސިފަކޮށްފަ އެވެ.

މީޑިއާތަކާ އެއްވެސް މަޝްވަރާއެއް ނުކޮށް ހުށަހެޅި މި ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަތީ، މަޖިލީހުގެ ދައުރުން ބޭރުގައި މިދިޔަ ބުދަ ދުވަހު ބޭއްވި ޖަލްސާގަ އެވެ. މި ބިލު މަޖިލީހަށް ބަލައިގަތުމާ ގުޅޭ ގޮތުން ވޯޓަށް އެހުމުން 49 މެންބަރުން ވަނީ މި ބިލު ބަލައިގަންނަން ފެންނަކަމަށް ވޯޓު ލާފަ އެވެ. މި ބިލު ބަލައިގަތުމާ ދެކޮޅަށް ވޮޓުލާފައިވަނީ 12 މެންބަރުންނެވެ.

މި ބިލު ދިރާސާކުރުމަށް މިހާރު ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ. ކޮމިޓީން ވަނީ ބިލަށް އާންމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް ފަހު، އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ބިލުގެ މަސައްކަތް ނިންމުމަށް އަމާޒު ހިފައިފަ އެވެ.

އާރުއެސްއެފް އިން ފާޅުކުރި ކަންބޮޑުވުންތަކުގައި ބުނެފައި ވަނީ، މި ބިލުގެ ދަށުން ސަރުކާރުން މީޑިއާ ކޮންޓްރޯލްކޮށް، ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭ ގޮތަށް އޮތުމަކީ ގައުމުގެ މިނިވަން މީޑިއާއަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ. މިއީ ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅައި، މައުލޫމާތު ހާމަކުރުމުގެ ހައްގަށް ނުފޫޒު ފޯރުވުމުގެ މަގުފަހިކުރާނެ ކަމެއް ކަމަށް ވެސް އާރުއެސްއެފް އިން ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން އާރްއެސްއެފް އިން ވަނީ މި ބިލު ގާނޫނަކަށް ވާ ހިސާބުން ދެން އުފެދޭ އާ ކޮމިޝަނަށް ލިބޭ ބާރުގެ ސަބަބުން އެ ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޯޓު އަމުރެއް ނެތި ނޫސް ވެބްސައިޓުތައް ބްލޮކްކުރެވޭ ކަމަށާއި އެކަން ކުއްވެރި ކުރާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ