މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ބިލަކީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު ހުށަހެޅުއްވި ބިލެކެވެ. ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި އިއްޔެ ބޭއްވި ޖަލްސާއެއްގައި މި ބިލުގެ ބަހުސް ކުރިއަށްގެންގޮސް މަޖިލީހަށް ބަލައިގެންފައިވާއިރު މިއަދު ވަނީ ކޮމިޓީ މަސައްކަތް ފަށައިފަ އެވެ. އަދި ދެ ހަފުތާތެރޭގައި ބިލުގެ މަސައްކަތް ނިންމުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ވަނީ އެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ސެޕްޓެމްބަރު 6 ގެ ނިޔަލަށް ހުޅުވާލާފަ އެވެ.
މި ބިލަށް ހުށަހަޅަން ބޭނުންވާ ހިޔާލު indep.institutions_committee@majlis.gov.mv އަށް މެއިލް މެދުވެރިކޮށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ހުށަހެޅުމަށް އެދިފައިވެ އެވެ.
މި ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ނުރައްކާތެރި މާއްދާތަކެއް ހިމެނޭ ބިލެއްކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ”ހަތަރެއްގެ ހައްގުގައި“ ގެ ނަމުގައި ނޫސްވެރިން ވަނީ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ފަށާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މީޑިއާ ކޮންޓްރޯލް ކުރުމުގެ ވިސްނުމެއް އެމަނިކުފާނު ނުގެންގުޅުއްވާ ކަމަށާއި އެ ބިލު އަނބުރާ ފޮނުވާލުމަށް މެންބަރުންނަށް އަންގާފައިވާނެކަމަށް ވިދާޅުވެފަ އެވެ.
މި ބިލުގައި އޮތީ 7 މެންބަރުންގެ މައްޗަށް އެކުލެވޭ މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަންގެ ތިން މެންބަރުންނަކީ ރައީސް އައްޔަނުކުރާ މެންބަރުން ކަމަށެވެ. އަދި 4 މެންބަރުން ނޫސްވެރިން އިންތިހާބުކުރާ ގޮތަށެވެ. ކޮމިޝަންގެ ރައީސް އައްޔަނު ކުރުން ރައީސުލްޖުމްހޫރިއްޔާ އަށް ދީފައިވާއިރު ނޫސްވެރިން ވޯޓުލައިގެން ހޮވާ މެންބަރުން ވަކި ކުރުމުގެ ބާރު މަޖިލީހަށް މި ބިލުގައި ވަނީ ދީފަ އެވެ.
މީގެއިތުރުން ކޮމިޝަނަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން އެ މައްސަލައެއްގެ ތަހުގީގު ނުނިމެނީސް އަދި މައްސަލަ ބަލާ ނިމެންދެން މީޑިއާ ރަޖިސްޓްރީ ބާތިލުކުރެވިދާނެ ކަމަށެވެ. އަދި، ޤައުމީ ސަލާމަތާއި އާއްމު ނިޒާމު ނުވަތަ އާއްމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ”ބެލެވިދާނެ ހާލަތު“ގައި ދައުލަތުގެ އިދާރާތައް މެދުވެރިކޮށް މީޑިއާ ވަސީލަތެއް ހުއްޓުމަކަށް ގެނެވިދާނެ ކަމަށްވެސް ބުނެފައިވެ އެވެ.
މި ބިލުގެ 60 ވަނަ މާއްދާގައި ބުނަނީ ބިލުގައި ނޫހާ ގުޅޭ ގޮތުން ބަޔާން ކޮށްފައިވާ އުސޫލުތައް އިލެކްޓްރޯނިކް މީޑިއާއަށް ހިނގާނެ ކަމަށެވެ. އަދި ނޫސްވެރިންނާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ އުސޫލުތައް، އިލެކްޓްރޯނިކް މީޑިއާގައި މަސައްކަތްކުރާ މީހުންނަށް (ސޯޝަލްމީޑިއާގައި އުޅޭ މީހުންނަށް) އެ މީހުންނާގުޅޭ ނިސްބަތަކަށް ހިނގާނެ ކަމަށެވެ.