ކުށްކުރާ ގްރޫޕްތަކުގެ މީހުންގެ ނުހައްގު މުއްސަނދިކަމުގެ މައްސަލަތައް ތަހުގީގުކޮށް، އެ މީހުން ނުހައްގުން ހޯދާފައިވާ މުދާ ދައުލަތަށް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން މިއަދު ހާމަކޮށްފި އެވެ.
ފުލުހުން މިހެން ބުނެފައިވަނީ އިއްޔެ އަމަލުކުރަން ފަށާފައިވާ ގޭންގު ކުށްތަކާ ބެހޭ ގާނޫނާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގަ އެވެ.
ފުލުހުން ވަނީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެހެނިހެން ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު ތަންފީޒުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަން މި ބަޔާނުގައި ފާހަގަކޮށްފަ އެވެ.
މި ބަޔާނުގައި ފުލުހުން ބުނެފައިވަނީ އިންތިޒާމުވެގެން ކުށްކުރާ ގްރޫޕްތަކަށް ނިސްބަތްވާ ފަރާތްތަކުގެ ނުހައްދު މުއްސަނދިކަމުގެ މައްސަލަތައް ތަހުގީގުކޮށް އެ ފަރާތްތަކުން ނުހައްގުން ހޯދާފައިވާ މުދާ ދައުލަތަށް ނެގުމުގެ މަސައްކަތް ފުލުހުން ކުރާނެކަމަށެވެ. އަދި ކުށްކުރާ ގްރޫޕްތައް ކަނޑައެޅުމާއި އެފަދަ ގްރޫޕްތަކަށް ނިސްބަތްވާ މީހުން މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރު ނެރުމަށާއި، ކުޑަކުދިން ރައްކާތެރިކުރުމުގެ އަމުރު ނެރުމަށް ހައިކޯޓު މެދުވެރިކޮށް މަސައްކަތްކުރާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. މި މަސައްކަތްތަކަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެހީތެރިކަން ހޯދާނެ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން ކުށްކުރާ ގްރޫޕްތައް އެއްވާ ސަރަހައްދުތަކުގައި ފުލުހުންގެ ހާޒިރީ އިތުރުކޮށް، ބަލައި ފާސްކުރުމުގެ މަސައްކަތްތައް ހަރުދަނާކުރެވޭނެ ކަމަށާއި ކުށްކުރުމަށް ބޭނުންކުރާ އަމިއްލަ ތަންތަނަށް ރެއިޑްކޮށް، ބަލައި ފާސްކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދެވޭނެކަމަށް ފުލުހުން ބުނެފައިވެ އެވެ.
ގޭންގު ކުށްތަކުގެ އާ ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ އިއްޔެއެވެ. މި ގާނޫނަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު މެއި 25 ވަނަ ދުވަހު ތަސްދީގުކުރެއްވި ގާނޫނެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިސް ދިވެހި ފުލުހުންގެ ޚިދުމަތް ގޭންގް ބިލް