ހދ. މަކުނުދޫގައި އަލަށް އިމާރާތްކުރާ ސިއްހީ މަރުކަޒުގެ އަމަލީ މަސައްކަތް މިއަދު ވަނީ ފަށައިފައެވެ.
މި އިމާރާތުގެ މިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ސިއްހީ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މޭޖަރ ރިޓަޔަރޑް މުހައްމަދު ނަޖާހު، މަކުނުދޫ ދާއިރާގެ މެންބަރު އާދަމް ޝަފީގު އަދި ކައުންސިލްގެ ރައީސް އައުޒަމް އާދަމް ބައިވެރިވެ ވަޑައިގެންނެވިއެވެ.
103 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާގެ އަގުހުރި މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ. މި މަޝްރޫއަކީ ރަށުގެ ސިއްހީ ހިދުމަތްތައް ފުޅާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަޝްރޫއެކެވެ.
ރައީސް މުއިއްޒު މިއަދުގެ ދަތުރުފުޅުގައި މަކުނުދޫގައި އިތުރު ދެ މަޝްރޫއެއްގެ މަސައްކަތްވެސް ފައްޓަވައިދެއްވާފައިވެއެވެ. އެގޮތުން މަކުނުދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ވަނީ ފައްޓަވައިދެއްވާފައެވެ.
ހދ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް މުއިއްޒު ޖުމްލަ 13 ރަށަކަށް ޒިޔާރަތްކުރައްވާނެ ކަމަށް ވާއިރު، މަކުނުދޫއަކީ މިއަދު ޒިޔާރަތްކުރެއްވި ފުރަތަމަ ރަށެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ ވަޒީރުންނާއި އެކި މުއައްސަސާތަކުގެ އިސްވެރިން ހިމެނޭ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.
ހދ. މަކުނުދޫ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް މިނިސްޓްރީ އޮފް ހެލްތް ފެނަކަ ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ނަޖާހު