މޮޔަ މެންބަރެއްގެ ވާހަކައަށް ދޭނެ ކޮމެންޓެއް ނެތްކަމަށާއި އެއަށް ވުރެ މާ މުހިންމު މަސައްކަތްތައް ކުރަން އެބަ ހުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ފަލާހު މިހެން ވިދާޅުވީ ސަރުކާރުން ބޭނުންވާ ގޮތަށް ބިލުތައް ފާސް ކުރަން ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ފައިސާ ހުށަހެޅިކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވުމާ ގުޅިގެން އެއީ ތެދެއްތޯ ޖަވިޔަނި ނޫހުން ސުވާލު ކުރުމުންނެވެ.
ފަލާހު ވިދާޅުވީ އެކަހަލަ ބޭކާރު ވާހަކައަށް ޖަވާބު ދޭން ބޭނުން ނުވާކަމަށާއި މޮޔަ މެންބަރެއްގެ އެފަދަ ވާހަކަތަކަށް އެއްޗެއް ބުނުމަށް ވުރެ މާ މުހިންމު ކަންކަން ކުރަން އެބަ ހުރި ކަމަށެވެ.
އައްބާސް ވަނީ ބައެއް ބިލުތަކަށް ބަހުސް ނުކުރާން ބުނެފައި އެބަހުރިކަމަށް ވިދާޅުވެފަ އެވެ. އަދި ބައެއް ބިލުތަކަށް ވަކި ގޮތަކަށް ވޯޓު ލާން ބުނެ އާދޭސްކޮށްފައިވާކަމަށްވެސް އައްބާސް ވިދާޅުވި އެވެ. ފަލާހު އެދޭގޮތަށް ބަހުސްކޮށް ވޯޓު ލައިފިއްޔާ އައްބާސް އެދޭގޮތަށް ދާއިރާގެ ކޮންމެ ރަށަކުން 5 މީހަކަށް ވަޒީފާ ދޭންވެސް ފަލާހު ހުށައެޅިކަމަށް އައްބާސް ތުހުމަތު ކުރެއްވިއިރު، ވަކި ގޮތަކަށް ވޯޓު ލާން ބުނެފައި ފައިސާ ދޭން ހުށަހެޅިކަމަށްވެސް އައްބާސް ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ކޮންގްރެސް ޕާޓީގެ މެންބަރުންގެ ފަރާތުންވެސް އެތަށް ޝަކުވާއެއް އަންނަމުންދާކަމަށް އައްބާސް ވިދާޅުވި އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް މަޖިލީހުން ފާސް ކުރުމަށް ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު ފަލާހު، މެންބަރުންނަށް ބިރު ދައްކަމުންދާކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ވަރަށް ގިނަ މެންބަރުން ވަނީ ދޮގުކޮށްފަ އެވެ. އެގޮތުން މިފަދަ އެއްވެސް ކަމެއް އެއްވެސް އިރެއްގައި ފަލާހު ކޮށްފައިނުވާނެ ކަމަށާއި ފަލާހު ހުއްޓުވަން އިދިކޮޅުން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ގައުމީ މަސައްކަތުގައި ފުރިހަމަ އަޒުމުގައި ފަލާހު ދެމި ހުންނަވާނެކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވަނީ ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލިސް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު