ހދ. ހަނިމާދޫ ސުކޫލުގެ އާ އިމާރާތާއެކު ސުކޫލު ޖާގައިގެ ދަތިކަން ހައްލުވެގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ރައީސް ވިދާޅުވެފައިވަނީ ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ހަނިމާދޫ ސުކޫލުގެ އާ އިމަރާތުގެ އެއްބަަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ހުސައިން ސައީދު މުހައްމަދެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ރައްޒާނެވެ.
ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫޢު ކުރިއަށް ގެންދަނީ ހަނިމާދޫ ރައްޔިތުންނާއި ދަރިވަރުންގެ އިތުރުން، އެ ރަށަށް ބަދަލުކުރުމަށް ނިންމާފައިވާ ހިރިމަރަދޫގެ ރައްޔިތުންނާއި ދަރިވަރުންނަށް ޖާގަ ލިބޭނެ ގޮތަށެވެ.
”އަޅުގަނޑުމެން މި މަޝްރޫޢު ކުރިއަށް ގެންދާނީ މި ރަށު ރައްޔިތުންނަށް، މި ރަށުގައި ކިޔަވާ ކުދިންނަށް ބޭނުންވާ ޖާގައާއި، އަދި މި ރަށަށް އަޅުގަނޑުމެން މިހާރު އެއްފަސްކުރުމުގެ ގޮތުން ބަދަލުކުރުމަށް ނިންމާފައިވާ ހިރިމަރަދޫގެ ރައްޔިތުންގެ ކިޔަވާ ކުދިންނަށް ވެސް ޖާގަ ލިބޭ ވަރަށް،” ރައީސް ވިދާޅުވިއެވެ. އަދި މި އިމާރާތުގައި އަށް ކްލާސްރޫމާއި، ސައިންސް ލެބާއި، ލައިބްރަރީއާއި، ސްޓާފްރޫމް ފަދަ ހުރިހާ ވަސީލަތްތަކެއް ހިމެނޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ހަނިމާދޫގައި އަލަށް ގާއިމުކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރާއި ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމުގެ އިތުރުން، އެ ރަށު ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ އެޅުމާއި، ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް އިފްތިތާހުކުރުން ވެސް ހިމެނެއެވެ.