ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތުގައި ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރެމަސިންހަ މިއަދު ހައްޔަރުކޮށްފި އެވެ.
ރަނިލް ހައްޔަރު ކުރީ އޭނާގެ އަނބިކަނބަލުންގެ ގްރެޖުއޭޝަން ހަފްލާއަށް އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރަކާ ގުޅިގެން ކުރެވުނު ތަހުގީގަކަށް ފަހު އެވެ.
ފުލުހުންގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރަނިލް ކުރެއްވި މި ދަތުރަކީ އަމިއްލަ ބޭނުމަކަށް ކުރެއްވި ދަތުރެއް ނަމަވެސް، އެ ދަތުރަށް ދައުލަތުގެ ފައިސާ ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކުރެވެ އެވެ. މި ދަތުރުގައި ރަނިލްގެ އަރިހުގައި 10 ބޭފުޅަކު ބައިވެރިވެވަޑައިގެން، ދައުލަތުން ގާތްގަނޑަކަށް 16.9 މިލިއަން ރުޕީސް (56،000 އެމެރިކާ ޑޮލަރު) ހަރަދުކޮށްފައިވާ ކަމަށް ވެއެވެ.
ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް ކޯޓަށް ފުލުހުން ހުށަހެޅި ލިޔެކިޔުންތަކުން ދައްކާގޮތުގައި، މި ދަތުރަކީ ޔުނިވާސިޓީ އޮފް ވޮލްވާހެމްޕްޓަންގައި އަނބިކަނބަލުންގެ ޕީއެޗްޑީ ގްރެޖުއޭޝަން ހަފްލާގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރެކެވެ. މި ދަތުރުގައި އެއްވެސް ރަސްމީ މަސައްކަތެއް ހިމެނިފައި ނުވާކަން ތަހުގީގަށް ހާމަވެފައިވެ އެވެ.
މި މައްސަލައާ ގުޅިގެން މި މަހުގެ ކުރީކޮޅު ރަނިލްގެ ކުރީގެ ޕްރެޒިޑެންޝަލް ސެކްރެޓަރީ ސަމަން އެކަނަޔަކަ އާއި ކުރީގެ ޕްރައިވެޓް ސެކްރެޓަރީ ސަންޑްރާ ޕެރޭރާއާވެސް ވަނީ ސުވާލުކޮށްފަ އެވެ. އަދި މި ދަތުރުގެ މުއްދަތު ތެރޭގައި ރަނިލް ވަނީ ކިއުބާ އަށާއި އެމެރިކާއަށް ރަސްމީ ދަތުރެއް ކުރައްވައި، އެމެރިކާގައި ހުންނެވުމަށްފަހު އިނގިރޭސި ވިލާތަށް އަމިއްލަ ދަތުރެއްގައި ވަޑައިގެންފަ އެވެ.