އޭދަފުށީގައި އެޅުމަށް ނިންމާފައިވާ 1،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް މިއަހަރު ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިކަން ރައީސް ހާމަކުރެއްވީ އެމަނިކުފާނު މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އޭދަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ހަތް ރަށުގެ ތެރެއިން އެއް ރަށް ކަމަށްވާ އޭދަފުށީގައި އަޅާ މި ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ޗައިނާގެ ސައިނޯ ހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފަ އެވެ.
”މި މަޝްރޫއަކީ 100 ޕަސެންޓު ފީސިބަލް ޕްރޮޖެކްޓެއް،“ ރައީސް މުޢިއްޒު ވިދާޅުވި އެވެ. އަދި މި ހައުސިން ޔުނިޓުތައް އެޅުމުގެ މަސައްކަތް ކުރިއަށްދާނީ ފޭސްތަކަކަށް ބަހާލައިގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މި ހައުސިން ޔުނިޓުތައް ލިބޭނީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން އޭދަފުއްޓަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށާއި، އިޤްތިޞާދީ ބޭނުންތަކަށް އެރަށުގައި ދިރިއުޅެން ބޭނުންވާ ފަރާތްތަކަށެވެ.
ހައުސިން ޔުނިޓުގެ އިތުރުން އޭދަފުށި އަދި އެ ސަރަހައްދުގެ އެހެން ރަށްރަށުގެ ރައްޔިތުންނަށްވެސް ވަރަށް އުފާވެރި ހަބަރެއް ރައީސް ވަނީ ދެއްވާފަ އެވެ. އެގޮތުން މި އަހަރުގެ ތެރޭގައި އޭދަފުށީގައި ޑޮލަރު އޭޓީއެމްއެއް ހުޅުވައިދެއްވާނެކަމަށް ރައީސް ވިދާޅުވި އެވެ.
