ބ. ކަމަދޫ ސްކޫލުގެ ޖާގަ އިތުރުކުރުމަށްޓަކައި އާ އިމާރާތެއް އެޅުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.
މި މަޝްރޫއަކީ 5.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫގެ އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކަމަދޫގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ. އަދި އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ކަމަދޫ ސްކޫލަކީ ޖާގައިގެ ދަތިކަން ބޮޑު އަދި އިތުރު ވަސީލަތްތައް ބޭނުންވެފައިވާ ސްކޫލެކެވެ. އަދި މި އެއްބަސްވުމުގެ ދަށުން އަޅާ އިމާރާތަކީ ވަސީލަތުގެ ގޮތުންނާއި ޖާގައިގެ ގޮތުން ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަވާ ފެންވަރުގެ އިމާރާތަކަށް ވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ކަމަދޫގައި 500 އެއްހާ މީހުން ދިރިއުޅޭއިރު ކަމަދޫގެ ސްކޫލުގައި މިވަގުތު ކިޔަވަމުންދަނީ 74 ދަރިވަރުންނެވެ. އެއް ދަންފަޅިއަށް ކިޔަވައިދޭ މި ސްކޫލުގައި ޕްރީސްކޫލުން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައިދެ އެވެ.
ހަމްދާން ޝަކީލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެޑިއުކޭޝަން މިނިސްޓްރީ ފަހި ދިރިއުޅުން ކޯޕަރޭޝަން