ޖަރުމަނުން އިޒްރޭލަށް ހަތިޔާރު ވިއްކުން މެދުކަނޑާލަން ނިންމައިފި އެވެ.
ޣައްޒާ އެއްކޮށް ހިފުމަށް އިޒްރޭލުގެ ސަލާމަތީ ކެބިނެޓުން ނިންމުމާ ގުޅިގެން ޖަރުމަނުން ވަނީ، ޣައްޒާއަށް ހަމަލާދިނުމަށް ބޭނުންކުރެވިދާނެ ހަތިޔާރު، އިޒްރޭލަށް ވިއްކުން މެދުކަނޑާލަން ނިންމާފަ އެވެ.
ބޭރު މީޑިއާތަކުން ބުނެފައިވަނީ ޖަރުމަނުގެ ޗާންސެލަރ ފްރިޑްރިކް މާޒް މި ނިންމުން ނިންމަވާފައިވަނީ، ޣައްޒާ އެއްކޮށް ހިފުމަށް ނިންމާފައިވާކަން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން އިއުލާނު ކުރުމުންނެވެ. އިޒްލޭރުގެ މި ނިންމުމާއި ގުޅިގެން، ވަކިގޮތެއް އަންގަންދެން އިޒްރޭލަށް ހަތިޔާރު ވިއްކުން މެދުކަނޑާލާފައިވާ ކަމަށް ޖަރުމަނުގެ ޗާންސެލަރއާ ހަވާލާދީ ބޭރު މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.
ޖަރުމަނުގެ ޗާންސެލަރ ވިދާޅުވެފައިވަނީ، އިޒްރޭލު ދެމިއޮތުމުގެ ހައްޤު ޖަރުމަނުން ގަބޫލުކުރާކަމަށާއި އަދި ހަމާސްއިން ރަހީނުކޮށްފައިވާ މީހުން ދޫކޮށްލަންޖެހޭ ކަމަށެވެ. ނަމަވެސް އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ޣައްޒާގެ ރައްޔިތުންނަށް ލިބެމުންދާ ގެއްލުމާއި އެމީހުންގެ ދިރިއުޅުމުގެ ހާލަތު ގޯސްވަމުންދާދިއުމަށް އަޅާނުލާ ނުތިބެވޭނެ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
މުޅި ޣައްޒާ ހިފުމަށް އިޒްރޭލުން ނިންމުމާ ގުޅިގެންނާއި، ޣައްޒާގެ ހާލަތާއި ގުޅޭގޮތުން އ.ދގެ ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމެއް އާދީއްތަ ދުވަހު ބޭއްވުމަށްވެސް ވަނީ ނިންމާފަ އެވެ.
އިޒްރޭލުން ޣައްޒާއަށް ހަމަލާދެމުންދާއިރު ޣައްޒާއަށް އެހީއާއި ކާބޯތަކެތި ވެއްދުމަށްވެސް ދަނީ ހުރަސްއަޅަމުންނެވެ. އެގޮތުން އ.ދ. އިން ލަފާކުރާގޮތުގައި އެހީ ހޯދަން ގޮސްތިބޭ ޣައްޒާގެ ރައްޔިތުންނަށް އަމާޒުކޮށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 800 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވެ އެވެ.
2023 އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 61,330 މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ. އަދި 152,359 މީހުން ޒަހަމުކޮށްލާފައިވެ އެވެ.
