ހުޅުމާލޭ ހިޔާ ފްލެޓެއް ބަލައި ފާސްކުރުމުގެ ތެރޭގައި 242 ވޭޕް ފްލޭވާ ފުޅި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި ތަކެތި ފެނިފައިވަނީ ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ފްލެޓެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ. ފުލުހުން ބުނި ގޮތުގައި، މި މައްސަލަ ހުޅުމާލެ 2 ގެ ޕޮލިސް ސްޓޭޝަނަށް ހުށަހެޅިފައިވަނީ ރޭ 9:14 ގައެވެ.
އެ އެޕާޓްމަންޓުން ޖުމްލަ 242 ވޭޕް ފްލޭވާ ފުޅި ފެނިފައިވާ ކަމަށާއި އެ ތަކެތި މިހާރު ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
2024 ވަނަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ އެކު، ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުން ވަނީ މަނާކޮށްފައެވެ. ގާނޫނުގައިވާ ގޮތުން، ވޭޕް ކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެކޮށްފިނަމަ 50,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް އާލާތަކަށް 10,000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޖުލައި މަހު ވޭޕް ގުޅުންހުރި ޖުމްލަ 15 މައްސަލައެއް ރިކޯޑުކުރެވި، 22 ފަރާތަކަށް ޖޫރިމަނާ ކުރެވިފައިވެއެވެ. މީގެ ތެރޭގައި ވޭޕް/އިލެކްޓްރޯނިކް ސިނގިރޭޓް ގަނެވިއްކުމުގެ 1 މައްސަލައާއި، އެތަކެތި އަތުގައި ބެހެއްޓުމުގެ 8 މައްސަލައާއި، އެތަކެތި ބޭނުންކުރުމުގެ 6 މައްސަލަ ހިމެނެއެވެ.
މި މައްސަލަތަކާ ގުޅިގެން ކުރެވުނު ޖޫރިމަނާތަކުގެ ޖުމްލަ އަދަދު 127,000 ރުފިޔާއަށް އަރައެވެ. މީގެ ތެރޭގައި ވޭޕް ބޭނުންކުރުމުގެ މައްސަލަތަކަށް 62,000 ރުފިޔާއާއި، ގަނެވިއްކުމުގެ މައްސަލަތަކަށް 7,000 ރުފިޔާއާއި، އަތުގައި ބެހެއްޓުމުގެ މައްސަލަތަކަށް 58,000 ރުފިޔާގެ ޖޫރިމަނާ ހިމެނެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތް ދުންފަތް ކޮންޓްރޯލްކުރުމާއި، ވޭޕް މަނާކުރުން