’ޣައްޒާ ބަނޑަށް މަރުވަނީ‘ ނަމުގައި މިއަދު މާލޭގައި ބޭއްވި ހިނގާލުމުގައި ގައްޒާގެ ބޯޑަރުތައް ހުޅުވާލުމަށާއި ގައްޒާއަށް އެހީ ވެއްދުމަށް ހިނގާލުމުގެ ބައިވެރިން ގޮވާލައިފި އެވެ.
މިއަދު ހަވީރު ކުރިއަށް ދިޔަ މި ހިނގާލުމުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ވަނީ ބައިވެރިވެފަ އެވެ. ރަސްފަންނު ސަރަހައްދުން ފެށި މި ހިނގާލުން އަމީނީ މަގުން ގޮސް ބޮޑުތަކުރުފާނު މަގަށް އެޅުމަށް ފަހު ނިންމާލާފައިވަނީ ރާޅުގަނޑު ސަރަހައްދަށެވެ.
ހިނގާލުމުގެ ބައިވެރިން ވަނީ ގައްޒާގެ ވަށައިގެންވާ މުސްލިމު ގައުމުތަކަށް، ގައްޒާގެ ބޯޑަރު ހުޅުވާލުމަށް ގޮވާލާފަ އެވެ. އަދި ގައްޒާއަށް އިންސާނީ އެހީ ވެއްދޭނެ މަގު ފަހި ކުރުމަށް ގޮވާލާފައިވެ އެވެ.
މި ހިނގާލުމުގައި ބައިވެރިވި ކުޑަކުދިން ވަނީ ގައްޒާގެ ކުޑަކުދިން ކާތަކެތި ހޯދުމަށް އުޅެން ޖެހޭ ހާލު ތަމްސީލެއްގެ ސިފައިގައި ދައްކާލާފަ އެވެ. އަދި އެކުދިންވެސް ވަނީ އެކުދިންގެ ޝުއޫރުތައް ހިނގާލުމުގެ ތެރެއިން ފާޅުކޮށްފަ އެވެ.
ހިނގާލުން ނިންމާލާފައިވަނީ ރާޅުގަނޑު ސަރަހައްދަށް ގޮސް ޝުއޫރު ފާޅު ކުރުމަށް ފަހު ހާއްސަ ދުއާއަކުންނެވެ. އެ ސަރަހައްދުގައި ޝުއޫރު ފާޅު ކުރި ބައެއް ފަރާތްތަކުން ވަނީ އެހެނިހެން ހަރަކާތްތައް ބެލުމަށާއި އެ ހަރަކާތްތަކުގައި ބައިވެރިވުމަށް އެތަށް ބަޔަކު ނިކުންނަ އިރު ގައްޒާގެ ހައްގުގައި ކުރިއަށް ގެންދާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތައް މަދުވުމުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މިއީ ލަދު ގަންނަން ޖެހޭ ކަމެއްގެ ގޮތުގައި އެ ފަރާތްތަކުން ސިފަ ކުރި އެވެ.