ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ބ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ޚިދުމަތް މިއަދު ވަނީ ފަށައިފައެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ޚިދުމަތް ދެމުންގެންދާނީ ދެ ރޫޓަކަށެވެ. މި ޚިދުމަތުގައި ބޭނުންކުރާނީ ހައި ސްޕީޑް ދެ ފެރީއެވެ. އަދި މި ޚިދުމަތަށް ބޭނުންކުރާ ދެ ލޯންޗް މިހާރު ވަނީ އެ އަތޮޅަށް ފޮނުވާފައެވެ.
އެމްޓީސީސީން ވިދާޅުވި ގޮތުގައި، ދަތުރުތަކުގެ ރޫޓްތައް ކަނޑައަޅާފައިވަނީ އެއަރޕޯޓް ޚިދުމަތާއި އާންމު އެހެނިހެން ޚިދުމަތްތައް ހޯދުމަށް އަތޮޅުގެ ވެރި ރަށަށް ދަތުރުކުރުމަށް ފަހިވާނެ ގޮތަށެވެ. ފުރަތަމަ ހަފްތާގައި މި ޚިދުމަތް ކުރިއަށްގެންދާނީ އަހުލުވެރިކުރުމުގެ ދަތުރުތަކެއްގެ ގޮތުގައި ކަމަށާއި، މި ދަތުރުތަކަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށް އެ ކުންފުނިން ހާމަކުރެއްވިއެވެ.
އަހުލުވެރިކުރުމުގެ ދަތުރުތައް ކުރިއަށްދާނީ، ކޮންމެ ރޫޓެއްގައި ހިމެނޭ ހުރިހާ ރަށަކަށް ވަކި އަދަދަކަށް ޖާގަ ކަނޑައަޅައިގެންނެވެ. އަދި މި ދަތުރުތަކަށް ފީ ނަގަން ފަށާނީ 4 އޮގަސްޓުން ފެށިގެންނެވެ. ދަތުރުތަކުގެ ރޫޓުތަކާއި އަގުތައް އާރްޓީއެލް އެޕްލިކޭޝަން އަދި ވެބްސައިޓުން ފެންނަން ހުންނާނެއެވެ.
އާރްޓީއެލްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާރުޓީއެލް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)