އިގްތިސޯދީ މިނިވަންކަން ކަށަވަރު ކުރެވޭނީ އާ ޓާމިނަލާއެކު: ރައީސް މުއިއްޒު

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ދިމާކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވަން ނިންމެވީ އިގްތިސޯދީ މިނިވަންކަން ހޯދޭނެ ތަނބަކީ ވީއައިއޭގެ އާ ޓާމިނަލްކަމަށްވާތީކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް ހުޅުލޭގައި މިރޭ ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އާ ޓާމިނަލް މިނިވަން ދުވަހާ ދިމާކޮށް ހުޅުވަން ނިންމެވީ ގަސްތުގައި ކަމަށެވެ. އެ ނިންމެވުން ނިންމެވީ ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމުގައި އިގްތިސޯދީ މިނިވަން ކަމަކީ ވަރަށް ހާއްސަކަމަކަށް ވާތީ ކަމަށެވެ. އަދި އިގްތިސޯދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ އެއާޕޯޓުކަމަށާއި އެއާޕޯޓުގެ އެންމެ މުހިންމު ބިނާއަކީ އާ ޓާމިނަލް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެހެންވީމަ މިރޭ މިތަން ހުޅުވަން ބޭނުންވީ. މިކަން ހާސިލްކުރުމަށް އެހީތެރިވި އެންމެންނަށް އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން.

ސަރުކާރުގެ ބަޖެޓުން ކުރަން ޖެހުނު ހަރަދު ފިޔަވާ އާ ޓާމިނަލްގެ މަސައްކަތަކަށް ފަންޑުކޮށްފައިވަނީ ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓާއި ކުވެއިތް ފަންޑާއި އަބޫ ދާބީ ފަންޑާއި އޮޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިންނެވެ. ރައީސް މުއިއްޒު ވަނީ މި ހަތަރު ފަންޑަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް މިއަދު ހުޅުވިގެން ދަނީ އެމްއޭސީއެލްގެ މުވައްޒަފުންނާއި އެތަށް ބައެއްގެ ބުރަ މަސައްކަތުންކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ މުވައްޒަފުން އެވަރަށް މަސައްކަތް ނުކުރެއްވިނަމަ އާ ޓާމިނަލް ހުޅުވެން އަދި އިތުރު ދޮޅު އަހަރު ނަގާނެކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށްވެސް ޝުކުރުއަދާކުރައްވާފަ އެވެ.

78،000 އަކަމީޓަރުގެ ބޮޑު ސަރަހައްދެއްގައި ބިނާކޮށްފައިވާ މި ޓާމިނަލަކީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ޒަމާނީ ވަސީލަތްތަކެއް ގާއިމުކޮށްފައިވާ ތަނެކެވެ. މި ޓާމިނަލުގައި 6 އެއިރޯ ބްރިޖާއި، 47 ޗެކްއިން ކައުންޓަރާއި، ސެލްފް ސާވިސް ކިއޮސްކްތަކާއި، އޮޓޯމެޓިކް ބެގޭޖް ހެންޑަލިންގ ސިސްޓަމާއި، އެޑްވާންސް ސެކިއުރިޓީ ސްކްރީނިން ސިސްޓަމް ފަދަ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ހިމެނެއެވެ.

މި ޓާމިނަލް ހުޅުވިގެންދިޔުމުން ރާއްޖޭގެ ފަތުރުވެރިކަމާއި އިގްތިސާދަށް ލިބޭނެ ފައިދާތަކުގެ އިތުރުން، ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ހަބަކަށް ވުމުގެ ފުރުސަތު ފުޅާވެގެންދާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމްއޭސީއެލް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މިނިވަން ދުވަސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ