ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަޝްރޫޢަށް ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސްއެފްޑީ) އިން ދެއްވާ އެހީތެރިކަމުގެ އަގުވަޒަންކުރައްވައި ރައީސުލްޖުމްހޫރިއްޔާ އެ ފަންޑަށް ޝުކުރު އަދާކުރައްވައިފި އެވެ.
ރައީސް މުއިއްޒު އެސްއެފްޑީއަށް ޝުކުރު އަދާ ކުރެއްވީ ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު، ރައީސް މުއިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރާތުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާއި ވަފުދަށް މަރުޙަބާ ވިދާޅުވެ، ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ އިޙުތިފާލުތަކުގައްޔާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް އިފްތިތާޙުކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެންނެވީތީ އެ ބޭފުޅުންނަށް ޝުކުރުއަދާކުރައްވާފަ އެވެ.
ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ހިޒް އެކްސެލެންސީ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު ދެއްކެވި ވާހަކަފުޅުގައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް އިފްތިތާޙުކުރެއްވުމުގެ އިޙުތިފާލުތަކުގައި ބައިވެރިވެވަޑައިގެންނެވޭތީ އުފާކުރައްވާކަމަށާއި، ދިވެހިރާއްޖޭގެ 60 ވަނަ މިނިވަންދުވަހުގެ އިޙުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ދަޢުވަތު ލިބިވަޑައިގަތުމަކީ ޝަރަފެއްކަމަށް ދެކެވަޑައިގަންނަވާކަމުގައި ވިދާޅުވި އެވެ.
ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ވަނީ، ވީއައިއޭ މަޝްރޫޢުގެ ކުރިއެރުންތައް، ސަޢޫދީ ޢަރަބިއްޔާގެ ޝާހީ ދަރުބާރުން، ގާތުން ބައްލަވަމުން ގެންދެވިކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން، ބޯހިޔާވަހިކަމާއި، މަސްވެރިކަމާއި ސިއްޙީ ދާއިރާ ހިމެނޭހެން، ކުރިއަށް އޮތް ދުވަސްތަކުގައި އެކުގައި ކުރެވިދާނޭ މަސައްކަތްތަކާ މެދު، މިއަދުގެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސް އޮފީސް ރާއްޖެ - ސައުދީ ސައުދީ އަރަބިއްޔާ ސައުދީ ފަންޑު ފޯ ޑިވަލޮޕްމެންޓް (އެސްއެފްޑީ)