ޕީއެސްޖީ ބަލިކޮށް ޗެލްސީން ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ފީފާ ކްލަބް ވޯލްޑް ކަޕުގެ ފައިނަލުގައި ރޭ 3-0 ގެ ނަތީޖާއަކުން ޔޫރަޕުގެ ޗެމްޕިއަން ޕީއެސްޖީ ބަލިކޮށް، ޗެލްސީން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މެޓްލައިފް ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗުގައި ތަފާތު ދެއްކީ ޗެލްސީގެ ކޯލް ޕާމާ އެވެ. ޕާމާ ވަނީ މެޗު ފެށިގެން 22 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ޗެލްސީއަށް ކުރިހޯދަދީފައެވެ. އަދި އޭގެ އަށް މިނެޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި ޗެލްސީއަށް ލީޑު ފުޅާކޮށްދީފައެވެ.

ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް، ޕާމާ ތަނަވަސްކޮށްދިން ފުރުސަތަކުން ޖޮއާއޯ ޕެޑްރޯ ވަނީ ޗެލްސީއަށް ތިން ލަނޑުގެ ލީޑެއް ހޯދަދީފައެވެ. އެއީ ޗެލްސީއަށް ބަދަލުވި ފަހުން އޭނާ ޖެހި ތިންވަނަ ލަނޑެވެ.

ދެވަނަ ހާފުގައި ޕީއެސްޖީގެ ކްވިޗާ ކްވަރަޝްކޭލިއާ އާއި އޮސްމާން ޑެމްބެލޭ އަށް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް، ޗެލްސީގެ ކީޕަރު، ރޮބަޓް ސަންޗޭޒް ވަނީ އެ ހަމަލާތައް ދިފާއުކޮށްފައެވެ.

މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ޗެލްސީގެ މާކް ކުކުރޭލާގެ އިސްތަށިގަނޑަށް ދެމުމުގެ ސަބަބުން ޕީއެސްޖީގެ ޖޮއާއޯ ނެވޭސް އަށް ވަނީ ރަތް ކާޑު ދައްކާފައެވެ.

ރޭގެ މެޗު ނިމުމާއެކު ދެ ޓީމުގެ ދެމެދުގައި ބޮޑު ހަމަނުޖެހުމެއް ހިނގާފައިވާއިރު، ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކ ވަނީ ޗެލްސީގެ ޖޮއާއޯ ޕެޑްރޯއަށް ހަމަލާދީފައެވެ. މެޗަށްފަހު އޭނާ ބުނީ، އޭނާ މަސައްކަތް ކުރީ ކުޅުންތެރިން ދުރު ކުރުމަށް ކަމަށެވެ.

ފީފާ ކްލަބް ވޯލްޑް ކަޕް ޕީއެސްޖީ ޗެލްސީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ