ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް ބަންޑާރަ ގޯތީގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން މިއަދު ފަށައިފި އެވެ.
ރަޖިސްޓްރީ ދޫކުރަން ފަށާފައިވަނީ މިއަދު ހެނދުނު 09:30 ގައި ކުރީގެ ހައުސިންގ މިނިސްޓްރީ ހުރި ސަރަޙައްދުގަ އެވެ.
ހައުސިން މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، ރަޖިސްޓްރޭޝަންގެ މަސައްކަތް އަލުން ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއި ގުޅިގެން، ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް އަލުން ގުރުއަތު ނަގާފައިވާތީ އެވެ. މީގެ ސަބަބުން، ކުރިން ގޯތި ލިބި ރަޖިސްޓްރީ ދޫކުރި ޕްލޮޓްތައްވަނީ ބަދަލުވެފަ އެވެ.
ގޯތި ލިބޭ ފައިނަލް ޕްލޮޓް ކަނޑައަޅާފައިވަނީ މޭއިމަހުގެ 30 ވަނަ ދުވަހު އުސްފަސްގަނޑު ސަރަޙައްދުގައި ބޭއްވި ގުރުއަތުނެގުމުގަ އެވެ. އާ ރަޖިސްޓްރީގައި ސޮއިކުރުން ކުރިއަށްދަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. ”ހިޔާވެހި ޕޯޓަލް“ މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދުމުގެ އިންތިޒާމު ހަމަޖައްސާފައިވާއިރު، ރަޖިސްޓްރީ ބަލައިގަތުމަށް ހުށައަޅަންޖެހޭ ލިޔެކިޔުމުގެ ތަފްސީލްތައްވެސް ޕޯޓަލްގައި ހިމަނާފައިވެ އެވެ.
ރަޖިސްޓްރީއާއި ހަވާލުވުމަށް އަންނައިރު ގޯތި ލިބިފައިވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލު ގެންނަންޖެހޭއިރު، ބަދަލުގައި އެހެން ފަރާތެއް އަންނަނަމަ، ޕަވަރ އޮފް އެޓަރނީގެ އަސްލާއި އެފަރާތުގެ އައިޑީ ކާޑުގެ އަސްލު ގެންދަންޖެހެ އެވެ. މީގެއިތުރުން މިނިސްޓްރީއާއެކު ކުރިން ސޮއިކޮށްފައިވާ ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމާއި، ކުރިން ދޫކޮށްފައިވާ ބަންޑާރަ ގޯތީގެ ރަޖިސްޓަރީގެ އަސްލުވެސް ގެންދަންޖެހެ އެވެ.
ހައުސިން މިނިސްޓްރީން ބުނީ، އެޕޮއިންޓްމަންޓް ގަޑީގެ 5 މިނެޓް ފަހުން ހާޒިރުވާ ފަރާތްތަކާއި ލިޔެކިޔުންތައް ފުރިހަމަނުކޮށް ހާޒިރުވާ ފަރާތްތަކުގެ އެޕޮއިންޓްމަންޓް ކެންސަލްވާނެ ކަމަށެވެ. ނަމަވެސް އެފަދަ ހާލަތެއްގައި އަލުން އެހެން ތާރީޚަކާއި ގަޑިއަކަށް އެޕޮއިންޓްމަންޓަށް އެދުމުގެ ފުރުޞަތު ލިބޭނެ އެވެ. އެޕޮއިންޓްމަންޓް ހަމަޖެހޭ ފަރާތްތަކަށް، ”ހިޔާވެހި ޕޯޓަލް“ އަދި އެސްއެމްއެސް މެދުވެރިކޮށް ހާޟިރުވާންޖެހޭ ގަޑި އަދި ތަން އަންގާނެކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއްވި އެވެ.
ހައުސިން މިނިސްޓްރީ ބޯހިޔާވަހިކަން ގުޅިފަޅު ގުޅީފަޅު ގެދޮރުވެރިޔާ ސްކީމް