މެލޭޝިއާގައި ކިޔާވާ އެހެން ޤައުމުތަކުގެ ކުދިންގެ އަތުން ޓެކްސް ނެގުމަށް ހަމަޖެއްސުމުން، އެ ގައުމުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް އެ ފައިސާ ހަމަޖައްސަން މަސައްކަތްކުރަމުންދާކަން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފި އެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފައިވަނީ، މެލޭޝިއާގައި ކިޔަވާ ކުދިންނާއި އެހެން ގައުމުތަކުގައި ކިޔަވަމުންދާ ކުދިންނަށް ވެސް ހަމަޖެހިފައިވާ އުސޫލުން ފައިސާ ފޮނުވަމުންދާ ކަމަށެވެ.
މެލޭޝިއާގައި ކިޔަވާ އިންޓަރނޭޝަނަލް ދަރިވަރުންގެ ތެރެއިން އަހަރަކު 60،000 މެލޭޝިއަން ރިންގިޓަށްވުރެ ބޮޑު ކޯސް ފީ އެއް ދައްކަން ޖެހޭ ކުދިންގެ އަތުން އަލަށް ނަގަން ހަމަޖެއްސި ޓެކްސް ވެސް، ސްކޮލަރޝިޕްގައި ތިބި ދިވެހި ކުދިންގެ އިންވޮއިސްގައި ހިމެނިގެން ލިބުމުން އެ ފައިސާ ދޫކުރަމުން ގެންދާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެ އެވެ.
”މި ވުޒާރާއިން ލޯނު ނަގައިގެން މެލޭޝިއާގައި ކިޔަވަމުންދާ އެފަދަ ކުދިންނަށް ވެސް އެ ޓެކްސްގެ ކަންކަން ހަމަޖައްސައިދޭން މިދަނީ މަސައްކަތް ކުރަމުން.“ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެ އެވެ.
މެލޭޝިއާގައި ބޭރު ދަރިވަރުން ކިޔަވާ ތަންތަނުން 6 އިންސައްތަ ޓެކްސްއެއް ނެގުމަށް ނިންމާފައިވާތީ އެ ޓެކްސްގެ އުނދަގޫ ދިވެހި ދަރިވަރުންނަށް ނުކުރާނެ ގޮތެއް ދިވެހި ސަރުކާރުން ހޯދަން ފަށާފައިވާކަމަށް މީގެކުރިން ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވި އެވެ.
މެލޭޝިއާގެ މިނިސްޓްރީ އޮފް ފިނޭންސްއިން އިއުލާން ކޮށްފައިވާ ގޮތުން، 2025 ވަނަ އަހަރުގެ ޖުލައި 1 އިން ފެށިގެން ބޭރުގެ ދަރިވަރުންނަށް ޕްރައިވެޓް ތައުލީމީ ހިދުމަތްތައް ދޭ ތަންތަނުން 6 ޕަސެންޓްގެ ސަރވިސް ޓެކްސްއެއް ނަގަން ފަށާނެ އެވެ. މި ޓެކްސް ނެގުމަށް ހަމަޖެހިފައިވަނީ ޕްރީސްކޫލް، ސްކޫލް، ކޮލެޖް، ޔުނިވަރސިޓީ އަދި ލޭންގުއޭޖް ސެންޓަރުތަކުންނެވެ.
އަހަރަކު 60،000 ރިންގިޓަށް ވުރެ މަތިން ޓިއުޝަން ފީ ނަގާ އަމިއްލަ ތައުލީމީ މަރުކަޒުތަކުން މި ޓެކްސްއަށް ރަޖިސްޓްރީ ވާން ޖެހޭނެ އެވެ. އަދި މަތީ ތައުލީމުދޭ މަރުކަޒުތަކާއި ބަސް ދަސްކޮށްދޭ މަރުކަޒުތަކުން، އާމްދަނީގެ މިންވަރަކަށް ބެލުމެއް ނެތި، ބޭރުގެ ދަރިވަރުންނަށް ކިޔަވައިދޭނަމަ މި ޓެކްސްއަށް ރަޖިސްޓްރީ ވާން ޖެހޭނެއެވެ. ނަމަވެސް މެލޭޝިއާގެ ދަރިވަރުންނަށް މި ޓެކްސްއިން އިސްތިސްނާ ލިބިގެންވެ އެވެ.
މެލޭޝިއާ ސަރުކާރުން މި ޓެކްސް ތައާރަފުކުރަނީ އެ ގައުމުގެ މާލީ ހާލަތު ވަރުގަދަ ކުރުމަށާއި، މެލޭޝިއާގެ ގިނަ ރައްޔިތުންނަށް އިތުރު ބުރައެއް ނުޖެހޭ ގޮތަށް އާމްދަނީ އިތުރުކޮށް، ޓެކްސް ބޭސް ފުޅާކުރުމުގެ މަގުސަދުގަ އެވެ.
މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް