ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންނާއެކު ކުރިން ހެދި އެއްބަސްވުން އުވާލާ، އައު އެއްބަސްވުމެއްގައި ސޮއިކުރުމަށް އަންގާފައިވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. މި ކުއްލި މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. އަދި ކުއްލި މައްސަލަ ބަލައިގަތުމާ ދެކޮޅަށް 34 މެންބަރުން ވޯޓު ދެއްވި އެވެ.
މެންބަރު ކުޑޫގެ ކުއްލި މައްސަލައިގައި ބުނެފައިވަނީ، ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތިލިބުނު ފަރާތްތަކާއެކު ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުން އެ ފަރާތްތަކާ އެކު ސޮއިކޮށްފައިވާ ކަމަށެވެ.
އެ އެއްބަސްވުން ބަދަލުކުރުމަށް ނިންމާފައިވާކަން ހައުސިން މިނިސްޓަރު ހާމަކުރައްވާފައިވާކަން ފާހަގަކޮށް ކުއްލި މައްސަލައިގައި ބުނެފައިވަނީ، ކުރީގެ އެއްބަސްވުން އުވާލާ، ގޯތި ދިނުމުގެ އުސޫލަށް ބަދަލު ގެނައުމަށްފަހު، އަލަށް ހެދި އުސޫލުގެ ދަށުން އެކުލަވާލި އެއްބަސްވުމުގައި ސޮއިކުރުމަށް، ގޯތި ލިބުނު މީހުންނަށް މަޖުބޫރުވާގޮތަށް ސަރުކާރުން އަންގަވަމުންގެންދާ ކަމަށެވެ.
ކުއްލި މައްސަލައިގައި ބުނެފައިވަނީ، ސަރުކާރުން އަމިއްލަ ފަރުދުންނާއެކު ހިންގައި ނިމިފައިވާ މުއާމަލާތެއްގެ އެއްބަސްވުން، ސަރުކާރުން އަމިއްލައަށް އުވާލައި، އެއްބަސްވުމުގެ ޝަރުތުތަކާއި ދެފަރާތުގެ ދެމެދުގައި އެއްބަސްވާ ކަންކަން އަމިއްލަ އަމިއްލައަށް ކަނޑައެޅުމަށްފަހު، އެފަދަ ލިޔުމެއްގައި ސޮއިކުރުމަށް މަޖުބޫރު ކުރުމަކީ ކޮންޓްރެކްޓާ ބެހޭ ޤާނޫނާ ޚިލާފަށް އަދި އެމީހުންގެ ހައްޤުކަށް އުނިކަންލިބޭގޮތަށް ސަރުކާރުން ކުރާ ކަމެއް ކަމަށެވެ.
ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުވެ، ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ދިން ތަން ބަދަލުވުމާ ގުޅިގެން ކުރިން ދީފައިވާ ގޯތީގެ ރަޖިސްޓްރީ ބާތިލްކޮށް އާ ރަޖިސްޓްރީ ދޭން ވަނީ ނިންމާފަ އެވެ. ހައުސިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް އާ ”ބަންޑާރަ ގޯތީގެ ރަޖިސްޓްރީ“އާއި ”ބަންޑާރަ ގޯތީގެ އެއްބަސްވުން“ ދޫކުރަން ފަށާފައިވަނީ ޖުލައި 7 ވަނަ ދުވަހުން ފެށިގެންނެވެ.
