ގެދޮރުވެރިޔާ މަޝްރޫގެ ދަށުން އިމާރާތް ކުރަމުންދާ ފްލެޓްތައް އަދި ހުރީ ފްލެޓް ލިބޭ ފަރާތްތަކަށް ދޫކުރަން ތައްޔާރަށް ނޫން ކަމަށާއި ޖުލައި މަސް ތެރޭގައި ފްލެޓްތައް ދޫކުރަން ފެށޭނެކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މުއްތަލިބް މިހެން ވިދާޅުވީ ގެދޮރުވެރިޔާ ސްކީމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. އެ ޓްވީޓްގައި މިނިސްޓަރު ވިދާޅުވެފައިވަނީ ގެދޮރުވެރިޔާ ފަދަ ހައްސާސް މައްސަލަތަކުގައި އިންތިހާބުވެފައިވާ މެންބަރުން ނުބައި މައުލޫމާތު ފެތުރުމުން ދުރުހެލިވާން ޖެހޭނެ ކަމަށެވެ.
މެންބަރު އިބްރާހިމްގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ”ގެދޮރުވެރިޔާ“ ސްކީމުގެ ދަށުން ފުރަތަމަ އިމާރާތްކުރި 4000 ފްލެޓް ލިބޭނެ ފަރާތްތަކާ ފްލެޓް ހަވާލުކުރުން ލަސްކުރަމުންދާ މައްސަލައާމެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރުމަށް ޓަކައި ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި ކަމަށެވެ.
މިނިސްޓަރު މުއްތަލިބް ވިދާޅުވީ ފްލެޓްތަކުގައި އަދި ދިރިއުޅެން ތައްޔާރު ނުވާ ކަމަށާއި، ތައްޔާރުވަމުންދާ މިންވަރަކުން 2025 ޖުލައި މަހުން ފެށިގެން ހަވާލުކުރަމުން ގެންދާނެ ކަމަށެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓްރީން އެގްރީމެންޓްގައި ސޮއިކުރުމުގެ މަސައްކަތް އަންނަ ހަފްތާތަކުގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ބޯހިޔާވަހިކަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ފަހި ދިރިއުޅުން ކޯޕަރޭޝަން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ގެދޮރުވެރިޔާ ސްކީމް