ދެމެހެއްޓެނިވިގޮތެއްގައި ކުދި ފަންތީގެ މަސްވެރިކަން ރާވައި، ހިންގާ، ބެލެހެއްޓުމަށް ކުރެވެމުންދާ މަސައްކަތްތައް ހިއްސާ ކުރުމަށާއި ކުދިފަންތީގެ މަސްވެރިކަމުގައި ޙަރަކާތްތެރިވާ ފަރާތްތައް ބާރުވެރިކުރުވުމަށް ކުރެވިދާނެ ކަންކަމާގުޅޭ ގޮތުން ރާއްޖެއިން އިސްނަގައިގެން ބައްދަލުވުމެއް ބާއްވައިފި އެވެ.
މި ބައްދަލުވުމަކީ ޔުނައިޓެޑް ނޭޝަން އޯޝަންސް ކޮންފަރެންސްގެ 3 ވަނަ ބައްދަލުވުގައި ޚާއްޞަ ސައިޑް އިވެންޓެއްގެ ގޮތުގައި ރާއްގެއިން ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ.
މި ސެޝަންގައި ސަރުކާރުތަކުންނާއި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފަރާތްތަކުން ދެމެހެއްޓެނިވި ގޮތެއްގައި ކުދި ފަންތީގެ މަސްވެރިކަން ރާވައި، ހިންގާ، ބެލެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ކޭސް ސްޓަޑީސްތައް ހިއްސާކޮށްފައިވެ އެވެ. އަދި މި ތަޖުރިބާގެ އަލީގައި، އެހެން ޤައުމުތަކަށް ވެސް އެޅިދާނެ ފިޔަވަޅުތަކާމެދު މަޝްވަރާކޮށްފައިވެ އެވެ.
މި ސެޝަންގައި ވާހަކަފުޅު ދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ ކުދި ފަންތީގެ މަސްވެރިކަން ތަރައްޤީކުރުމާއި އެ މަސްވެރިކަމަށް އިންވެސްޓްކުރުމާ ގުޅޭ ގޮތުން ބައިނަލްއަޤްވާމީ މައިދާންތަކުގައި އަޑުއުފުލަންޖެހޭ ކަމަށެވެ.
އެހެން ނަމަވެސް ކުދިފަންތީގެ މަސްވެރިކަމުގެ ވާހަކަ އަންނަނީ ބައިނަލްއަޤްވާމީ މިފަދަ މަޝްވަރާތަކުގެ ހަވާސާގައި ކަމަށާއި، ކުދިފަންތީގެ މަސްވެރިކަން ކުރާ ފަރާތްތައް ތިބީ ސިޔާސަތުތަކާއި އިންވެސްޓްމަންޓާއި، އިނޮވޭޝަންގެ މާ ފަހަތުގައިކަން ފާހަގަ ކުރައްވައި، ވަޒީރު ވިދާޅުވީ މިކަން ބަދަލުވާން ޖެހޭ ކަމަށެވެ. އަދި ސައިންސާއި ޓެކްނޮލޮޖީގެ އަލީގައި މި މަސްވެރިކަން ތަރައްޤީކުރުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށްވެސް ވަޒީރުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އިންޑޮނޭޝިއާގެ ޑިރެކްޓަރ ޖެނެރަލް އޮފް ކެޕްޗަރ ފިޝަރީޒް (ނަން) ވަނީ އަވައްޓެރި އިންޑޮނޭޝިއާގައި މަސްވެރިކަން ކުރަމުން އަންނަ ގޮތް ހިއްސާކުރައްވާފައެވެ. އަދި އެ ޤައުމުން ކޯޓާ ބަހައިގެން މަސްވެރިކަން ކުރާ ގޮތާއި، މަސްލަހަތުވެރިންގެ ބައިވެރިވުން އިތުރުކޮށްގެން އަދި ބައިނަލްއަޤްވާމީ ފަރާތްތަކާ ގުޅިގެން ނޫ އިޤްތިޞާދު ކުރިއަރުވަމުންދާ ގޮތް ލަތީފް ހިއްސާ ކުރައްވާފައިވެ އެވެ. އަދި އެކަން ކުރެވެމުންދަނީ ސައިންސްގެ އަލީގައިކަމަށާއި، ދެފުށް ފެންނަ ވަރުގަދަ ނިޒާމުތަކެއްގެ މައްޗަށް ބިނާކޮށްކަމަށް އޭނާ ވިދާޅުވި އެވެ.
ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޙުސައިން ސިނާން ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގުމުގައި ދައުލަތުން ކުރަމުންގެންދާ މަސައްކަތްތަކަށް މި ސެޝަންގައި އަލިއަޅުއްވާލައްވައިފައިވެ އެވެ. އަދި މި މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި ދެމެހެއްޓެނިވި މަސްވެރިކަމުގެ އުސޫލުތަކަށާއި ހަމަހަމަކަމަށް އިސްކަންދޭ މިންވަރު ޑރ. ސިނާންގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
މަހުގެ ބައިނަލްއަޤްވާމީ މާކެޓްތަކަށް ވަނުމުގެ ފުރުސަތުތައް ފަހިކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި ކުދި ފަންތީގެ މަސްވެރިކަމުން ލިބޭ ނަފާ މުޅި މުޖުތަމަޢަށް ބެހިގެންދާނެ ފަދަ ގޮތަކަށް މަސްވެރިކަން މެނޭޖްކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ފާހަގަކުރެއްވި އެވެ.
އދ މިނިސްޓަރު އަހްމަދު ޝިޔާމް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް