އިސްރާއީލުން އިރާނުގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިއަދު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުގެ މި ހަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާ ހިލާފު އަމަލުތަކެއް ކަމަށާއި، މެދުއިރުމަތީގެ ސުލްހައާއި ސަލާމަތަށް ނުރައްކާވެދާނެ ކަމެއް ކަމަށެވެ.
އިސްރާއީލުން އިރާނަށް ދިން ހަމަލާތަކުގައި އެ ގައުމުގެ ނިއުކްލިއަރ ފެސިލިޓީތަކާއި މިލިޓަރީ އިންސްޓޮލޭޝަންތަކަށް އަމާޒުކޮށް، ޓެހުރާން، ނަޓަންޒް، ތަބްރީޒް، އިސްފަހާން، އަރާކް އަދި ކަރްމާންޝާ ފަދަ ސަރަހައްދުތަކަށް ވައިގެ ހަމަލާތައް ދީފައިވެއެވެ. މި ހަމަލާތަކުގައި އިރާނުގެ އިސް މިލިޓަރީ އޮފިޝަލުންނާއި ނިއުކްލިއަރ ސައިންޓިސްޓުން މަރުވެފައިވާކަން އެ ގައުމުގެ މީޑިއާއިން ވަނީ ކަށަވަރުކޮށްދީފައެވެ.
ދިވެހި ސަރުކާރުން ބުނެފައިވަނީ އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ގާޒާއަށް މެދުކެނޑުމެއްނެތި ދެމުންގެންދާ ހަމަލާތަކާ ދިމާކޮށް އިރާނަށް ދިން މި ހަމަލާތަކުގެ ސަބަބުން މުޅި މެދުއިރުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަސަރުކުރާނެ ކަމަށެވެ. އަދި ބައިނަލްއަޤްވާމީ މުޖުތަމައުއަށް ގޮވާލާފައިވަނީ އިސްރާއީލުން ކުރަމުންދާ ޣައިރު ޤާނޫނީ އަމަލުތައް ވަގުތުން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.
މި ހަމަލާތަކުގައި މަރުވި އިސް އޮފިޝަލުންގެ ތެރޭގައި އައި.އާރް.ޖީ.ސީ ކޮމާންޑަރ ހުސެއިން ސަލާމީ، މިލިޓަރީ ޗީފް މުހައްމަދު ބާގެރީ، އަދި މޭޖަރ ޖެނެރަލް ގުލާމްއަލީ ރަޝީދު ހިމެނެއެވެ. އަދި ނިއުކްލިއަރ ސައިންޓިސްޓުން ކަމަށްވާ ފަރެއިދޫން އައްބާސީ އަދި މުހައްމަދު ތެހުރާންޗީ ވެސް ވަނީ މަރުވެފައެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވިދާޅުވެފައިވަނީ މި އޮޕަރޭޝަންގެ މަޤްޞަދަކީ އިރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި މިސައިލް އުފެއްދުމުގެ ޤާބިލުކަން ނައްތާލުން ކަމަށެވެ. ނަމަވެސް އިރާނުގެ ސުޕްރީމް ލީޑަރ އާޔަތުއްލާ އަލީ ހާމަނެއީ ވަނީ މި ހަމަލާތަކުގެ ރައްދުގައި ”ވޭންދެނިވި އަދި ހިތި“ ޖަވާބެއް ދޭނެކަމަށް އިންޒާރުދެއްވާފައެވެ. އަދި އިރާނުން ވަނީ މިހާރުވެސް އިސްރާއީލަށް ހަމަލާތައް ދޭން ފަށައިފައެވެ.
ރާއްޖެ - އިރާން އިރާން އިޒްރޭލް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް