ފްރާންސްގެ ވެރިރަށް ޕެރިހުގައި ހުންނަ ގްރެވިން މިއުޒިއަމްގައި ބެހެއްޓިފައި ހުރި ރައީސް އެމެނުއަލް މެކްރޯންގެ ވެކްސްވޯކް ފިގާއެއް، ތިމާވެށީގެ ޖަމިއްޔާއެއް ކަމަށްވާ ގްރީންޕީސްގެ ހަރަކާތްތެރިން ވަގަށް ނަގައިފި އެވެ.
ފްރާންސްގެ ނޫސް އެޖެންސީ އޭއެފްޕީއަށް ފުލުހުންގެ ފަރާތުން މައުލޫމާތު ދިންގޮތުގައި، މިއުޒިއަމްގެ މުވައްޒަފުންގެ ގޮތުގައި ދައްކައިގެން ވަދެ، ފަހުން އަންނައުނު ބަދަލުކޮށް، މެކްރޯންގެ ވެކްސް ފިގާ ފޮތިގަނޑަކުން ނިވައިކޮށްގެން އިމަޖެންސީ ދޮރަކުން ބޭރަށް ގެންގޮސްފައިވެ އެވެ.
40،000 ޔޫރޯ (520،000 ރުފިޔާއާ ގާތްކުރާ އަދަދެއް) އަގުހުރި މި ވެކްސް ފިގާ ފަހުން ފެނުނީ ރަޝިޔާގެ އެމްބަސީ ކުރިމަތިންނެވެ. މިތަނުގައި ހަރަކާތްތެރިވި އެކްޓިވިސްޓުން ވަނީ ޔުކްރެއިންއަށް ރަޝިޔާއިން ހަނގުރާމަ އިއުލާނުކުރި ފަހުން ވެސް ރަޝިޔާއާއެކު ވިޔަފާރިކުރަމުންދާ ފްރާންސްގެ ކުންފުނިތަކާ މެދު މެކްރޯން ގެންގުޅޭ އުސޫލު ކުށްވެރިކޮށްފަ އެވެ.
ގްރީންޕީސް ފްރާންސްގެ އިސްވެރިޔާ ޖީން-ފްރާންސުއާ ޖުލިއާޑް ވިދާޅުވި ގޮތުގައި، ޔުކްރެއިންއަށް އެހީތެރިވަމުން، އަނެއްކޮޅުން ފްރާންސްގެ ކުންފުނިތަކުން ރަޝިޔާއިން ގޭސް އަދި ފާރޓިލައިޒާ އިމްޕޯޓްކުރުމަށް ހުއްދަދީފައި ބޭއްވުމަކީ ”ދެފުށްކެހެރި ކުޅިވަރެކެވެ.“
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި މެކްރޯންގެ ވެކްސް ފިގާވެސް އަނބުރާ ހޯދިފައެއް ނުވެއެވެ.
ބީބީސީގެ މެއި މަހުގެ ދިރާސާއަކުން ދައްކާގޮތުގައި ރަޝިޔާއިން ހަކަތައިގެ ވަސީލަތްތައް ބޭރުކޮށްގެން ބިލިއަނުން ޑޮލަރު ހޯދަމުން ދާއިރު، އޭގެ ތެރޭގައި ޔޫރަޕިއަން ޔޫނިއަންއަށް ކުރާ އެކްސްޕޯޓްވެސް ހިމެނެ އެވެ.
ސެންޓަރ ފޮރ ރިސާރޗް އޮން އެނާރޖީ އެންޑް ކްލީން އެއަރ (ކްރިއާ) އިން ބުނާގޮތުގައި 2022 ވަނަ އަހަރު ޔުކްރެއިންއަށް ފުޅާ ދާއިރާއެއްގައި ހަމަލާދޭން ފެށި ފަހުން، ރަޝިޔާއިން ވަނީ ހަކަތައިގެ ވަސީލަތްތައް އެކްސްޕޯޓްކޮށްގެން 883 ބިލިއަން ޔޫރޯ (740 ބިލިއަން ޕައުންޑް؛ 973 ބިލިއަން ޑޮލަރު) ހޯދާފަ އެވެ. އޭގެ ތެރެއިން 228 ބިލިއަން ޔޫރޯ ލިބިފައިވަނީ ރަޝިޔާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ގައުމުތަކުންނެވެ.
މީގެ އެންމެ ބޮޑު ބައެއް ކަމުގައިވާ 209 ބިލިއަން ޔޫރޯ (176 ބިލިއަން ޕައުންޑް؛ 238 ބިލިއަން ޑޮލަރު) ލިބިފައިވަނީ ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ގައުމުތަކުންކަމަށް ވާއިރު އޭގެ ތެރެއިން 17.9 ބިލިއަން ޔޫރޯ (15.1 ބިލިއަން ޕައުންޑް؛ 20.4 ބިލިއަން ޑޮލަރު) ލިބިފައިވަނީ ފްރާންސްއިންނެވެ.
