ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 194 މިލިއަން ޖަޕަނީސް ޔެން (1.3 މިލިއަން އެމެރިކާ ޑޮލަރު) ދިނުމަށް އެއްބަސްވެއްޖެ އެވެ.
މި އެހީ ދޭނީ ޖަޕާން ސަރުކާރުގެ ޕްރޮޖެކްޓް ފޮ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލާޝިޕް (ޖޭޑީއެސް) އަށެވެ.
މިކަމާ ގުޅޭ ގޮތުން މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ”އެކްސްޗޭންޖް އޮފް ނޯޓްސް“ ގައި ދެ ގައުމުގެ ފަރާތުން ސޮއިކޮށްފައިވެ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއެވެ.
2020 ވަނަ އަހަރުން ފެށިގެން ޖަޕާން ސަރުކާރުން ދެމުން އަންނަ މި އެހީގެ ދަށުން، އެ ގައުމުގެ އެންމެ މަތީ ފެންވަރުގެ ޔުނިވާސިޓީތަކުގައި މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ލިބިގެންދެ އެވެ. މި އަހަރަށް ހަމަޖެހިފައިވަނީ ހަ ސްކޮލާޝިޕް ފުރުސަތެވެ.
ފޮރިން މިނިސްޓްރީން ބުނާ ގޮތުގައި މި ސްކޮލާޝިޕް ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ”މުސްތަގުބަލުގައި އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީގެ ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒު ކުރުމުގައި ޝާމިލުވާނެ ގާބިލު އަދި ގައުމު އާރާސްތު ކުރުމުގައި މުހިންމު ރޯލެއް އަދާ ކުރާނެ ދިވެހި ޒުވާނުން ބިނާކުރުން“ އެވެ.
މި ރަސްމިއްޔާތުގައި ހަޔާ އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުއްރަހީމް ހަސަނާއި، އެ މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އާއި ސިވިލް ސާވިސް ކޮމިޝަނާއި ޖަޕާން އެމްބަސީ އަދި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.