ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން އައްޔަނު ކުރުމަށް ފޮނުވާފައިވާ މައްސަލަ، ޖުޑިޝަރީ ކޮމިޓީގެ މެންބަރުން އިތުރަށް ދިރާސާ ކުރުމަށް ވަގުތުދިނުމަށް އެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް އަދި ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަނު ކުރެެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި މައްސަލަ ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައިވަނީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ.
މި މައްސަލަ ދިރާސާ ކުރުމަށް މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވަނީ މި މައްސަލަ ކޮމިޓީގެ މެންބަރުން ރަނގަޅަށް ދިރާސާ ކުރުމަށް އިތުރަށް ވަގުތު ދެއްވުމަށް ހުށަހަޅާފަ އެވެ. އަބްދުއްސައްތާރުގެ މި ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފު ރަޝީދެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވަނީ، މި މައްސަލަ ދިރާސާ ކުރުމަށް ގިނަ ވަގުތު ހޭދަނުކޮށް މިއަދުން މިއަދަށް މި މައްސަލަ ނިންމުމަށް ހުށަހަޅުއްވާފަ އެވެ. ނާޒިލް ވިދާޅުވީ މި މައްސަލައިގައި ޖޭއެސްސީން ފޮނުވާފައިވާ ލިޔުންތަކުން މައްސަލައެއް ނެތްކަމަށް ފެންނަ ކަމަށެވެ. ނާޒިލްގެ މި ހުށަހެޅުމަށް ކޮމިޓީގައި ހިމެނޭ އެމްޑީޕީއަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ތާއީދު ކުރެއްވި އެވެ.
ނަމަވެސް ޖުޑިޝަރީ ކޮމިޓީގައި ހިމެނޭ މެންބަރުންގެ ތެރެއިން 7 މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވަނީ، މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީގެ މެންބަރުންނަށް އިތުރު ވަގުތު ދިނުމަށެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމު ހުސްވީ އެ މަގާމުގައި ތިއްބެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ. އެ މަގާމަށް 12 ބޭފުޅަކު ކުރިމަތިލެއްވިއިރު އެ ބޭފުޅުންގެ ތެރެއިން، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެންމެ މަތިން މާކްސް ދެއްވާފައިވަނީ ފަނޑިޔާރު މުހައްމަދު ސަލީމް އަދި ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އެވެ. ފަނޑިޔާރު މުހައްމަދު ސަލީމް ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވައި ކުރައްވާފައިވަނީ 2022 އޮގަސްޓް 9 ދުވަހު އެވެ. އެމަނިކުފާނު ވަނީ ހައިކޯޓުގެ ލީގަލް އޮފިސަރުގެ މަޤާމުގައި 12 އަހަރު ދުވަހު ހިދުމަތްކުރައްވާފަ އެވެ. ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު ވަނީ 2007 ޑިސެމްބަރު 09 ވަނަ ދުވަހުން ފެށިގެން، 2022 ޖޫން 6 ވަނަ ދުވަހާއި ހަމައަށް ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު އަދާކުރައްވާފަ އެވެ.
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލައްވާފައިވަނީ، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު، ހައި ކޯޓުގެ އިސް ފަނޑިޔާރު މުހައްމަދު ފައިސަލް، ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް، ހައިކޯޓުގެ ކުރީގެ އިސްފަނޑިޔާރު ޝުޖާއު އުސްމާން، ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް، ކުރީގެ މެޖިސްޓްރޭޓް މުހައްމަދު ރާއިބު އަހުމަދު، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު، ކުރީގެ އެސިސްޓެންޓް ޕީޖީ އައިޝަތު ފަޒްނާ އަހުމަދު، ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ)، އިބްރާހިމް އަލީ އަދި މުހައްމަދު އިބްރާހިމް އެވެ.