ކުޅުދުއްފުށި ސިޓީގެ ފެނުގެ ޚިދުމަތް އިޔާދަ ކުރަނިވި ހަކަތައަށް އެއްކޮށް ބަދަލުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އެމްޑަބްލިއުއެސްސީ އާއި ޖަޕާނުގެ ކެނެޑޭވިއާ ކުންފުންޏާ ދެމެދު ވެވުނު މި އެއްބަސްވުމުގެ ދަށުން ކުޅުދުއްފުށި ސިޓީގައި ޒީރޯ ކާބަން ސޯލާ ޑީސެލިނޭޝަން ޕްލާންޓެއް ޤާއިމްކުރެވޭނެ އެވެ.
އެމްޑަބްލިއުއެސްސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މޭނެޖިންގް ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު އެވެ. އަދި ކެނޭޑިވިއާ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ ޓަކޭޝީ އައިބާ އެވެ.
މި ރަސްމިއްޔާތުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި މަޝްރޫޢުގެ ދަށުން ޤާއިމްކުރެވޭ ޑީސެލިނޭޝަން ޕްލާންޓަކީ ދުވާލެއްގެ މައްޗަށް 500 ކިއުބިކް މީޓަރުގެ ފެން އުފައްދައިދޭ ޕްލާންޓެކެވެ. އެމްޑަބްލިއުއެސްސީން ބުނި ގޮތުގައި މިއީ މުޅި ކުޅުދުއްފުށި ސިޓީއަށް ބޭނުންވާ ފެން އުފެއްދޭނެ ޕްލާންޓެކެވެ. މި ޕްލާންޓަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމަށްުމަށް 500 ކިލޯވޮޓުގެ އަވިން ހަކަތަ އުފައްދާ ނިޒާމެއް ޤާއިމްކުރެވޭނެ އެވެ. އަދި މި ނިޒާމުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް 1450 ކިލޯވޮޓުގެ ބެޓަރި ނިޒާމެއްވެސް ޤާއިމްކުރެވޭނެ އެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބޭނުންވާ ޚަރަދުގެ 46 އިންސައްތަ ހަމަޖައްސަނީ އެމްޑަބްލިއުއެސްސީންނެވެ.
