މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ޤައިދީންނަށް ޚާއްސަކޮށް “އިންމޭޓްސް ފުޓްސަލް ޓޯނަމަންޓް 2025” މިއަދު ފަށައިފި އެވެ.
“އިންމޭޓްސް ފުޓްސަލް ޓޯނަމަންޓް 2025” ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި، މި ޓޯނަމަންޓް އިފްތިތާހުކޮށްދެއްވީ ޕްރޮސެކިއުޓާ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އައްބާސް ޝަރީފު އެވެ.
މި ރަސްމިއްޔާތުގައި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން، ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރު، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް އިބްރާހިމް މުހައްމަދު ދީދީ، މާފުށީ ޖަލުގެ ޑައިރެކްޓާ ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަބްދުﷲ އަމީން، ކޮމިޝަންޑް އޮފިސަރުންނާއި ސީނިއާ ރޭންކްތަކުގެ މުވައްޒަފުން ބައިވެރިވެ އެވެ.
މި ޓޯނަމަންޓް އިންތިޒާމްކޮށް ހިންގުމުގެ މައިގަނޑު ބޭނުމަކީ ޤައިދީންގެ މެދުގައި އެކުވެރިކަން އާލާކޮށް، ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމަށް ބާރުއެޅުމާއި ހުސް ވަގުތުތައް ބޭނުންތެރި، އުފާވެރި ގޮތެއްގެ ހޭދަކުރުމަށް ބާރު އެޅުން ކަމަށް ކަރެކްޝަންސްއިން މައުލޫމާތު ދީފައިވެ އެވެ. އަދި މިފަދަ ހަރަކާތްތަކުގައި ގިނައިން ބައިވެރިވުމަކީ ޤައިދީންގެ އުޅުމާއި އަހްލާގަށް ހެޔޮ ބަދަލު އައިސް، އިސްލާހުވުމަށް ލިބޭ އިތުރު ހިތްވަރެއް ކަމަށްވެސް ބުނެފައިވެ އެވެ.
މިމުބަރާތާ ގުޅޭގޮތުން ޤައިދީންގެ ޝުއޫރު ހާމަ ކުރަމުން އެމީހުން ބުނީ، މިފަދަ ކުޅިވަރު ކުޅުމުގެ ފުރުސަތު ލިބުމަކީ ވަރަށް އުފާކުރާ ކަމެއްކަމަށާއި، ދުޅަ ހެޔޮ ސިއްހަތެއްގައި ތިބުމަށް މިފަދަ ފިޒިކަލް ކުޅިވަރު ކުޅުމުގެ ފުރުސަތު ލިބުން މުހިންމު ކަމަށެވެ.
މި ޓޯނަމަންޓް ކުރިއަށް ދަނީ ލީގު އުސޫލުން، އެންމެ ޕޮއިންޓް ގިނަ ދެ ޓީމު ފައިނަލްގައި ވާދަ ކުރާގޮތަށެވެ. މި ޓޯނަމަންޓްގައި ހަ ޓީމަކުން ބައިވެރިވެފައިވާއިރު، ކޮންމެ ޓީމެއްގައި 14 ކުޅުންތެރިންނާއި ފަސް އޮފިޝަލުން ހިމެނެ އެވެ. މި ޓޯނަމަންޓްގައި އެކި ޤައުމުތަކުގެ ބައެއް ޤައިދީންނާއެކު ޖުމްލަކޮށް 114 ޤައިދީން ބައިވެރިވެފައިވެ އެވެ.
މި ޓޯނަމަންޓް ފެށުމުގެ ރަސްމިއްޔާތުގައި ރިހެބިލިޓޭޝަނަށް ހައްސަ ލަވައެއް މިނިސްޓަރު އިހްސާން އިފްތިތާހު ކޮށްދެއްވާފައިވެ އެވެ.