ބަންޑާރަނައިބުގެ އޮފީހުގެ ބިލު ދިރާސާ ކުރުމަށްފަހު ޖުޑިޝަރީ ކޮމިޓީން ނިންމިގޮތަށް ފާސްނުކޮށް އެ ބިލު އަލުން ދިރާސާ ކުުރުމަށް ކޮމިޓީއަށް ފޮނުވައިފި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތަށް ވޯޓަށް އަހާފައިވެ އެވެ.
މި ބިލު ފާސްކުރުމަށް ފެންނަ ކަމަށް 3 މެންބަރުން ވޯޓު ދެއްވިއިރު މި ބިލު ފާސްކުރުމާ ދެކޮޅަށް 67 މެންބަރުން ވޯޓު ދެއްވާފައިވެ އެވެ. އަދި މި ބިލު އިތުރަށް ދިރާސާ ކުރުމަށް އަނބުރާ ކޮމިޓީއަށް ފޮނުވާލާފައިވަނީ 70 މެންބަރުންގެ ވޯޓުންނެވެ.
ބަންޑާރަނައިބުގެ އޮފީހުގެ ބިލު މަޖިލީހަށް ހުށަހެޅި ސަބަބެއްގެ ގޮތުން ބުނެފައިވަނީ، ބަންޑާރަނައިބުގެ މަގާމަށް އައްޔަނުކުރެވޭ ފަރާތެއްގައި ހުންނަންޖެހޭ ޝަރުތުތަކާއި، ޒިންމާތަކާއި މަސްއޫލިޔަތުތަކާއި، އެ ޒިންމާތަކާއި މަސްއޫލިޔަތުތައް އަދާކުރުމުގައި ބަންޑާރަނައިބު ތަބާވާންޖެހޭ ހަމަތައް ކަނޑައެޅުމެވެ. އަދި ސިވިލް ސާވިސްގައި ނުހިމެނޭ ސަރުކާރުގެ ވަކި އޮފީހެއް ޤާއިމުކުރުމާއި އެ އޮފީހުގެ މަސައްކަތްތައް ރޭވިފައިވާ ގޮތާއި އެ އޮފީސް ހިންގުމާގުޅޭ އުސޫލުތަކާއި މުވައްޒަފުންނާގުޅޭ އުސޫލުތައް ކަނޑައެޅުމުގެ ޤާނޫނީ އޮނިގަނޑު އެކުލަވާލުން ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.
މި ބިލުގައި ބަންޑާރަނައިބަކަށް އައްޔަނުކުރާ މީހެއްގެ ހުންނަންވާނެ ޝަރުތު ބަޔާންކޮށްފައިވާއިރު އެ ޝަރުތުގެ ގޮތުގައި ބުނެފައިވަނީ، އެ މީހަކީ ޤާނޫނުގެ ދާއިރިން ފާހަގަކޮށްލެވޭފަދަ ތައުލީމާއި ތަޖުރިބާހުރި ވަޒީރުންގެ މަޖިލީހަށް އައްޔަނުކުރުމުގެ ޝަރުތުހަމަވާ މީހަކު ކަމުގައި ވާންވާނެ ކަމަށެވެ. އަދި އެ އޮފީހުގެ މުވައްޒަފުންގެ ކަންކަމުގައި އަމަލުކުރާނޭ ގޮތްތައްވެސް ބަޔާން ކޮށްފައިވެ އެވެ.
