ރިޒާގެ ރައްދު ކައުންސެލް ޖެނެރަލްއަށް: ނުރަނގަޅު ލަފާގެ ސަބަބުން ގައުމުގައި ފިތުނަ އުފެދޭ

Advertisement

އެންމެ ފަސް

Advertisement

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ސުލޫކީ މައްސަލަ ބެލުމުގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިޖުރާއަތާ ޚިލާފު ނުވާ ކަމަށާއި، މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ނުރަނގަޅު ލަފާގެ ސަބަބުން ގައުމުގައި ފިތުނަ އުފެދޭކަމަށް މާފުށި ދާއިރާގެ މެންބަރު އަދި ޖޭއެސްސީގެ ރައީސް ހުސައިން ރިޟާ އާދަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީން ނިންމި މައްސަލަ ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކޮށްފަ އެވެ. މި ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު ރިޟާ ވަނީ ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތް ފިލްޒާ ދެއްވާފައިވާ ލަފަޔަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓަށް ކައުންސެލް ޖެނެރަލް ދެއްވި ލަފާގައި ވިދާޅުވެފައިވަނީ ޖޭއެސްސީން ފަނޑިޔާރުންގެ މައްސަލަ ބަލާފައިވަނީ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ކަމަށެވެ. އަދި މި ކަމުގައި ޖޭއެސްސީން އަމަލުކޮށްފައިވަނީ ޤާނޫނާއެއްގޮތަށް ނޫންކަމަށް ލަފާދެއްވާފައިވެ އެވެ.

ކައުންސެލް ޖެނެރަލް ފާތިމަތް ފިލްޒާ ގެ ލަފަޔަށް ރައްދު ދެއްވާ ވާހަކަ ދައްކަވަމުން މެންބަރު ރިޟާ ވިދާޅުވީ ފަނޑިޔާރުންގެ ސުލޫކީ މައްސލަަ ބެލުމަށް ނިންމޭނީ ހަމައެކަނި މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީއަށް ކަމަށް ކައުންސެލް ޖެނެރަލް ދެކެވަޑައިގަންނަވާ ދެކެވަޑައިގަތުމަކީ ރަނގަޅު މާނަކުރުމެއް ނޫން ކަމަށެވެ. އެގޮތުން ޖޭއެސްސީގެ ގާނޫނުގައި މައްސަލަ ބެލުމާމެދުގައި ކޮމިޓީން ނިންމާ ނިންމުން މުރާޖައާކޮށް ބަދަލުކުރުމުގެ ބާރު ކޮމިޝަނަށް ލިބިދޭކަން އެނގޭކަމަށް ރިޟާ ވިދާޅުވި އެވެ. ރިޒާ ވިދާޅުވީ ކޮމިޓީއަށްވެސް ސުލޫކީ މައްސަލަ ބެލުމުގެ ބާރު ލިބިގެންދާ ކަމަށާއި އަދި ކޮމިޝަނަށްވެސް އެ ބާރު ލިބިގެންވާ ކަމަށެވެ.

”އެހެންކަމުން ޖުޑިޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރު އަޒްމިރާލްދާއާއި ފަނޑިޔާރު މަހާޒާ ގުޅޭގޮތުން ހުށަހެޅުުނު ޝަކުވާގެ މައްސަލަތައް ބެލުމަށް ނިންމާފައިވަނީ، ކޮމިޝަންގެ ޤާނޫނުން ކޮމިޝަނަށް ލިބިދީފައިވާ އިޚްތިޔާރީ ބާރުގެ ހުދޫދުގެ ތެރެއިންކަން އެނގެން އޮންނާތީ، މި ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގައި ޖޭއެސްސީން އެއްވެސް އިޖުރާއަތަކާ ޚިލާފުވެފައި ނުވާކަން ފާހަގަކުރަން.“ ރިޟާ ވިދާޅުވި އެވެ.

މީގެއިތުރުން ރިޟާ ވިދާޅުވީ މިފަދަ ނިންމުމެއް ކައުންސެލް ޖެނެރަލް ނިންމަވާއިރު ހުރިހާ ގޮތަކަށްވެސް ބައްލަވަން ވާނެ ކަމަށެވެ. އަދި ކައުންސެލް ޖެނެރަލް ކަމެއްގައި ލަފާދެއްވާއިރު ހަމައެކަނި ޤާނޫނާއި ގަވައިދުތަކަށް ބެލުމުގެ ބަދަލުގައި މަތީމަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކަށްވެސް ބަލަންވާނެ ކަމަށް ރިޟާ ވިދާޅުވި އެވެ.

ރިޟާ ވިދާޅުވީ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލައިގައި ޖޭއެސްސީން ނިންމި ނިންމުމާއި ޖުޑިޝަރީ ކޮމިޓީން ނިންމި ނިންމުމަކީ ސައްހަ ނިންމުމެއް ކަމަށެވެ. އަދި އެކަމުގައި އެއްވެސް އިޖުރާއީ ޚިލާފެއް ނެތް ކަމަށާއި އަދި އެއްވެސް މީހެއްގެ ހައްޤަކަށް އުނިކަން އަންނާނެ ކަމެއްވެސް ނެތް ކަމަށެވެ.

”ކައުންސެލް ޖެނެރަލްގެ ލަފާފުޅުވާންޖެހޭނީ މޫސުމީ ބަދަލުތަކާއެކު އަންނަ ބަދަލުތަކަކަށް ނޫން. އެ އޮންނަންޖެހޭނީ އަސާސްތަކެއްގެ މައްޗަށް ބިނާކޮށް… މި ނުރަނގަޅު އުސޫލުތައް [ކައުންސެލް ޖެނެރަލް] ނެރުމުގެ ނަތީޖާއަކީ ގައުމުގައި ފިތުނަ އުފެދިގެން ދިއުން. ހަގީގަތާ ހިލާފު ވާހަކަތައް މުޖުތަމައުގައި ފެތުރިގެން ދިއުން.“ ރިޟާ ވިދާޅުވި އެވެ.

ރިޟާ ވިދާޅުވީ ކުރިއަށްއޮތް ތަނުގައި ކައުންސެލް ޖެނެރަލް މިއަށްވުރެއް ޒިންމާދާރުކަމާއެކު މިފަދަ ކަންކަން ނިންމުމުގައި ރަނގަޅު ރިއުޔު ދެއްވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް މެންބަރު ހުސައިން ރިޒާ އާދަމް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ