2 ފަނޑިޔާރުންގެ މައްސަލައިގައި ކައުސެލް ޖެނެރަލްގެ ލަފައާމެދު ތަޅުމުން ގޮތެއް ނިންމަން ފާސްކޮށްފި

Advertisement

އެންމެ ފަސް

Advertisement

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރުމުގެ މައްސަލައިގައި އިޖުރާއީ ކަންކަން ފުރިހަމާ ނުވާކަމަށްބުނެ މަޖިލީހުގެ ކައުސެލް ޖެނެރަލް ކޮމިޓީއަށް ފޮނުވި ލަފައާމެދު މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމުމަށް ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފި އެވެ.

މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު ހުސްނީ މުބާރިކް ވިދާޅުވީ 2 ފަނޑިޔާރުން ވަކިކުރުމުގެ މައްސަލައިގެ ރިޕޯޓަށް ކައުންސެލް ޖެނެރަލް ފާތިމަތް ފިލްޒާގެ ލަފައެއް ލިބިފައިވާ ކަމަށެވެ. އެހެންކަމުން އެކަމާމެދު އަމަލުކުރާނޭ ގޮތެއް ކަނޑައެޅުމަށް މިއަދުގެ ޖަލްސާ ބާއްވާ ކަމަށެވެ.

ކޮމިޓީ ބައްދަލުވުމުގައި ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ވަނީ ކައުންސެލް ޖެނެރަލްގެ ލަފާ މަޖިލީހުގެ ހުރިހާ މެންބަރުންނަށްވެސް ފެނުން މުހިންމު ކަމަށް ވިދާޅުވެ އެ ލަފަޔާމެދު މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމެވުމަށް ހުށަހަޅާފަ އެވެ. މި ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ. އަދި ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ ތެރެއިން 6 މެންބަރުންގެ ވޯޓުން މި ހުށަހެޅުން ވަނީ ފާސްކޮށްފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކައުންސެލް ޖެނެރަލް ފާތިމަތް ފިލްޒާގެ ލަފާގައި ވިދާޅުވެފައިވަނީ، ޖޭއެސްސީން ފަނޑިޔާރުންގެ މައްސަލަ ބަލާފައިވަނީ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ކަމަށެވެ. އަދި މި ކަމުގައި ޖޭއެސްސީން އަމަލުކޮށްފައިވަނީ ޤާނޫނާއެއްގޮތަށް ނޫންކަމަށް ލަފާދެއްވާފައިވެ އެވެ.

ފަނޑިޔާރު އަޒްމިރާލްދާ އަދި މަހާޒް ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވާ މައްސަލައިގައި ޖޭއެސްސީން މަޖިލީހަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، ފަނޑިޔާރު އަޒްމިރާލްދާގެ ފިރިކަލުން ފުލުހުންގެ ހައްޔަރަށް ގެނެސް ބަންދު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، އަޒްމިރާލްދާގެ އެދުމުގެމަތިން ފަނޑިޔާރު މަހާޒް ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް ގާޒީ އިބްރާހިމް ޒިހުނީއަށް ނުފޫޒު ފޯރުވާފައިވާކަން ތަހުގީގު ކޮމިޓީއަށް ސާބިތުވެފައިވާ ކަމަށެވެ. އެހެންކަމުން ފަނޑިޔާރު މަހާޒް އަދި އަޒްމިރާލްދާ މަގާމުން ވަކިކުރުމާމެދު ގޮތެއް ނިންމުމަށް މަޖިލީހަށް ފޮނުވާ ކަމަށް ޖޭއެސްސީގެ ސިޓީގައި ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސް ޖުޑިޝަރީ ކޮމިޓީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ