އެމެރިކާއާއި ޗައިނާއިން ދެގައުމުގެ ދެމެދުގައި ނަގަމުން އަންނަ ޑިއުޓީ ޓެރިފް 90 ދުވަހުގެ މުއްދަތަކަށް ބޮޑު ތަނުން ކުޑަ ކުރަން ނިންމައިފި އެވެ.
އެމެރިކާއާއި ޗައިނާއިން މިކަމަށް އެއްބަސްވެފައިވަނީ ސްވިޒަލޭންޑްގެ ޖެނީވާގައި ހަފުތާ ބަންދުގައި ކުރިއަށް ގެންދިޔަ ވިޔަފާރީގެ މަޝްވަރާތަކުގަ އެވެ. ދެގައުމުން މިއަދު ނެރުނު ގުޅިފައިވާ ބަޔާނުގައި ވަނީ މިކަން ހާމަކޮށްފަ އެވެ.
ދެގައުމުގެ ގުޅިފައިވާ ބަޔާނުގައި ދެގައުމުންވެސް ވަނީ މިއީ ލިބުނު ކާމިޔާބީއެއް ކަމަށް ބުނެފަ އެވެ.
ޑިއުޓީ ޓެރިފް ކުޑަ ކުރަން ނިންމާފައިވާ ގޮތް:
- އެމެރިކާ އިން ޗައިނާގެ މުދަލުން ނަގާ ޑިއުޓީ ޓެރިފް %145 އިން %30އަށް ކުޑަ ކުރަން
- ޗައިނާއިން އެމެރިކާގެ މުދަލުން ނަގާ ޑިއުޓީ ޓެރިފް %125 އިން %10އަށް ކުޑަ ކުރަން
މީގެ އިތުރުން ދެގައުމުން ވަނީ އިގުތިސާދީ އަދި ވިޔަފާރީގެ ޕާޓްނާޝިޕްތަކާ ބެހޭ ގޮތުން މަޝްވަރާތަކުގައި ދެމިތިބޭނެ ނިޒާމެއް ގާއިމުކުރުމަށް އެއްބަސްވެފަ އެވެ. އަދި ދެ ފަރާތް އެެއްބަސްވާ ގޮތެއްގެ މަތިން އެ މަޝްވަރާތައް ޗައިނާ ނުވަތަ އެމެރިކާގައި ނުވަތަ ތިން ވަނަ ގައުމެއްގައި ކުރިއަށް ދެންދެވިދާނެކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
