ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން ސިއްރު ކޮށްފި އެވެ.
ސަސްޕެންޑް ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު މަގާމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވާ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އަންނަނީ ދިރާސާ ކުރަމުންނެވެ. މި މައްސަލައިގައި ކޮމިޓީގެ ބައްދަލުވުމެއް އިއްޔެ ބާއްވާފައިވާއިރު އިއްޔެގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ހުޅުވާލައިގެންނެވެ.
މިއަދު ކުރިއަށް ގެންދިޔަ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވަނީ ޖޭއެސްސީގެ ތަހުގީގު ރިޕޯޓުގައި ހުރި ބައެއް ތަފުސީލުތައް ހާމަކުރައްވާފަ އެވެ. އެކަމުގެ ސަބަބުން ކޮމިޓީގެ މުގައްރިރު ހުސްނީ މުބާރިކް އަދި ކޮމިޓީގެ ބައެއް މެންބަރުން ވަނީ ޖުޑިޝަރީ ކޮމިޓީއަށް ބެލޭނީ ހަމައެކަނި އިޖުރާއަތު ރަނގަޅަށް ހިންގާފައި އޮތްތޯކަން ފާހަގަކޮށް މައްސަލައިގެ ތަފުސީލުތަކަށްދާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ކޮމިޓީގެ މުގައްރިރު ހުސްނީ މުބާރިކް ވިދާޅުވީ މައްސަލަ ތަހުގީގު ކުރުމުގެ ބާރު އޮތީ ޖޭއެސްސީއަށް ކަމަށާއި، ކޮމިޓީން ބަލަންޖެހޭނީ އިޖުރާއަތު ރަނގަޅުތޯ ކަމަށެވެ.
ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ، މި މައްސަލަ ކޮމިޓީއަށް ބެލޭނީ މަޖިލީހުގެ ގަވައިދުގައި ކޮމިޓީއަށް މި މައްސަލަ ބެލުމަށް އޮތް މިންވަރުގެ ތެރޭގައި ކަމަށެވެ. އަދި މައްސަލައިގެ ތަފުސީލުތަކަށް ނާޒިލް ވަޑައިގަންނަވާތީ ބައްދަލުވުން ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށް ޝާހިދު ހުށަހެޅުއްވި އެވެ. ޝާހިދުގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ފަރުސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފު ރަޝީދެވެ. އޭނާ ވިދާޅުވީ ކޮމިޓީ ބައްދަލުވުމުގައި ބައެއް މެންބަރުން ދައްކަވަނީ ލައިވްކޮށް ގެންދާ ބައްދަލުވުމެއްގައި ދެއްކުމަށް އެންމެ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށެވެ.
ކޮމިޓީ ބައްދަލުވުން ލައިވް ނުކުރުމަށް ހުށަހަަޅާ ތާއީދު ލިބުމުން އެ ވޯޓަށް ކޮމިޓީގެ މުގައްރިރު އެއްސެވީ، މަޖިލިސް ގަވައިދުގެ 179 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރުގެ ދަށުން ބައްދަލުވުން ސިއްރު ކުރުމަށް އެދުނުކަމަށް ބައްލަވަ އެވެ.
މަޖިލިސް ގަވައިދުގެ 179 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރު: ”މީހަކު ފަޟީޙަތްވުމަށް ނުވަތަ މީހަކާ ދޭތެރޭގައި ދެކޭގޮތް މުޖްތަމައުގައި ބަދަލުވުމަށް ނުވަތަ މީހަކު ކުށެއް ކޮށްފިކަމަށް މީހުންގެ މެދުގައި ހީވުމަށް ފުރުސަތު ލިބޭ މައުލޫމާތު ހިއްސާކުރުމަށް ބޭއްވޭ ބައްދަލުވުމަކަށްވުން.“
ކޮމިޓީ ބައްދަލުވުން ސިއްރު ކުރުމަށް ހުށަހެޅި ހުށަހެޅުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 5 މެންބަރުންގެ ވޯޓުންނެވެ. މިކަމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓުދެއްވާފައެއް ނުވެ އެވެ. ކޮމިޓީ ސިއްރު ކުރުމަށް ވޯޓަށް އެހުމުން އެމްޑީޕީގެ މެންބަރުން ވަނީ ކޮމިޓީ ބައްދަލުވުން ދޫކޮށް ނިކުމެފަ އެވެ.
ކޮމިޓީ ސިއްރު ކުރުމުގެ ކުރިން މައްސަލައާ ގުޅިގެން ބައެއްކަހަލަ ހުށަހެޅުންތައް މެންބަރުން ކޮމިޓީއަށް ހުށަހަޅުއްވާފައިވެ އެވެ. އެގޮތުން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވަނީ ދެ ފަނޑިޔާރުންގެ މައްސަލައިގައި ޖޭއެސްސީގެ ރިޕޯޓް ރަނގަޅުކަމަށް ނިންމުމަށްފަހު ވަކިކުރުމާމެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ހުށަހަޅާފަ އެވެ. ނަމަވެސް ކޮމިޓީ ސިއްރު ކުރުމާއި ހަމައަށްވެސް މި ހުށަހެޅުމަށް ވޯޓަށް އަހާފައެއް ނުވެ އެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައިވެސް އެމްޑީޕީ މެންބަރުން ތަކުރާރުކޮށް އެދިފައިވަނީ މައްސަލައިގައި ފަނޑިޔާރުންނަށް ކޮމިޓީއަށް ހާޒިރުވެ ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމަށެވެ. ނަމަވެސް އިއްޔެ ކޮމިޓީން ވަނީ ފަނޑިޔާރު އަޒްމިރާލްދާ ކޮމިޓީއަށް ހާޒިރުނުކުރުމަށް ފާސްކޮށްފަ އެވެ. މީގެއިތުރުން އިއްޔެގެ ކޮމިޓީ ބައްދަލުވުމުގައި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވަނީ، މި މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވައިގެން ގޮތެއް ނިންމުމަށް ހުށަހަޅާފަ އެވެ. ނަމަވެސް މި ހުށަހެޅުމަށް އިއްޔެ ވޯޓަށް އަހާފައެއް ނުވެ އެވެ.
ފަނޑިޔާރު އަޒްމިރާލްދާ އަދި މަހާޒް ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވާ މައްސަލައިގައި ޖޭއެސްސީން މަޖިލީހަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، ފަނޑިޔާރު އަޒްމިރާލްދާގެ ފިރިކަލުން ފުލުހުންގެ ހައްޔަރަށް ގެނެސް ބަންދު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، އަޒްމިރާލްދާގެ އެދުމުގެމަތިން ފަނޑިޔާރު މަހާޒް ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް ގާޒީ އިބްރާހިމް ޒިހުނީއަށް ނުފޫޒު ފޯރުވާފައިވާކަން ތަހުގީގު ކޮމިޓީއަށް ސާބިތުވެފައިވާ ކަމަށެވެ. އެހެންކަމުން ފަނޑިޔާރު މަހާޒް އަދި އަޒްމިރާލްދާ މަގާމުން ވަކިކުރުމާމެދު ގޮތެއް ނިންމުމަށް މަޖިލީހަށް ފޮނުވާ ކަމަށް ޖޭއެސްސީގެ ސިޓީގައި ބުނެފައިވެ އެވެ.
ރައްޔިތުންގެ މަޖިލިސް މަހާޒް އަލީ ޒާހިރު ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ޖުޑިޝަރީ ކޮމިޓީ