ޕާކިސްތާނުގައި ތިބި ދިވެހިންގެ ޙާލު މިދަނީ ގާތުން ބަލަމުން: ފޮރިން މިނިސްޓްރީ

Advertisement

އެންމެ ފަސް

Advertisement

ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގައި ކިޔަވަމުންގެންދާ ދިވެހި ދަރިވަރުންގެ ހާލު ފޮރިން މިނިސްޓްރީ އާއި ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ދަނީ ވަރަށް ގާތުން ބަލަމުން ކަމަށް ފޮރިން މިނިސްޓްރީއިން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޕާކިސްތާނުގައި މިވަގުތު ތިބި ދިވެހި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެ މިނިސްޓްރީން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުން ގެންދާ ކަމަށެވެ. އަދި ޕާކިސްތާނުގެ މަޝްރަހު މިހާރަށްވުރެން ގޯސްވާނަމަ، އެ ޤައުމުގައި ތިބި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަންވެސް އަރުވާފައިވެ އެވެ.

ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، އެ ޤައުމުގެ ކިޔަވާ މަރުކަޒުތަކާއި އޮފީސްތައް މިވަގުތު ހިނގަމުންދަނީ އާންމު ހާލަތުގަ އެވެ.

މިނިސްޓްރީން ވަނީ ޕާކިސްތާނުގައި ދިރިއުޅުއްވާ އަދި ދަތުރުފަތުރު ކުރައްވާ އެންމެހައި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވުމަށާއި، ޕާކިސްތާނުގެ ސަރުކާރާއި ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިރައްޔިތަކަށް އެއްވެސް ކަމެއް ދިމާވެއްޖެނަމަ، ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ނުވަތަ މިނިސްޓްރީގެ ހޮޓްލައިނަށް ގުޅުމަށް މިނިސްޓްރީން އިރުޝާދު ދީފައިވެ އެވެ.

ޕާކިސްތާނުގެ ހާލަތު ގޯސްވެފައިވަނީ އިންޑިއާއާ ޕާކިސްތާންއާ ދެމެދު އުފެދުނު ހަމަނުޖެހުންތަކުގައި ދެ ޤައުމުން ހަމަލާތައް ބަދަލުކުރަން ފެށުމުންނެވެ. އެގޮތުން ދެ ޤައުމުންވެސް ދަނީ މިހާރު، އެއް ޤައުމު އަނެއް ޤައުމަށް ބޮން އަޅައި، ގިނަ ހަމަލާތަކެއް އަމާޒުކުރަމުންނެވެ. ބުދަ ދުވަހު އިންޑިއާ އިން ދިން ހަމަލާތަކުގައި އެކަނިވެސް ޕާކިސްތާނުގެ 30 އަށްވުރެ ގިނަ މީހުން ވަނީ މަރާލާފަ އެވެ. އަދި އޭގެފަހުން ޕާކިސްތާނުންވެސް ވަނީ އެ ޤައުމަށް ދިފާއުގައި ހަމަލާދިނުމުގެ ހައްޤު ލިބިގެންވާކަމަށް ބުނެ، އިންޑިއާގެ އަސްކަރީ އަމާޒުތަކަށް ގިނަ ހަމަލާތަކެއްދީފަ އެވެ. އެ ހަމަލާތަކުގައި އިންޑިއާގެ އަސްކަރިއްޔާގެ ބައެއް އޮފިސަރުން މަރުވެފައިވާއިރު، ދެ ޤައުމުގެ އެއަރ ޑިފެންސް ސިސްޓަމްތަކުން ގިނަ ހަމަލާތަކެއް މިހާތަނަށް ނާކާމިޔާބުކޮށްލާފައިވެ އެވެ.

ހަމަލާތަކާއެކު، ޕާކިސްތާނުން ވަނީ އެ ޤައުމުގެ ސްކޫލްތަކާއި، ކޮލެޖް އަދި ޔުނިވާސިޓީތަކުގެ ކިޔެވުން ބަންދުކޮށްފަ އެވެ.

އިންޑިއާ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ޕާކިސްތާން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ