އިތުރު ވަގުތުގައި ބާސެލޯނާ ބަލިކޮށް، އިންޓަ ޗެމްޕިއަންސް ލީގުގެ ފައިނަލަށް

Advertisement

އެންމެ ފަސް

Advertisement

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ރޭ 4-3 ގެ ނަތީޖާއަކުން ބާސެލޯނާ ބަލިކޮށް، އިންޓަ މިލާން ފައިނަލަށް ދަތުރުކޮށްފިއެވެ.

ބާސެލޯނާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު ނިމިފައިވަނީ 3-3 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެނެވެ. އެ މެޗަކޭ އެއްގޮތަށް، ރޭގެ މެޗުވެސް ވެފައިވަނީ ފޯރިގަދަ މެޗަކަށެވެ. އިންޓަ އިން ބާސެލޯނާގެ މައްޗަށް ކުރިހޯދީ އިތުރު ވަގުތުގައި ލަނޑު ޖަހައިގެނެވެ. އެ ޓީމުން ވަނީ އެގްރިގޭޓް 7-6 ގެ ނަތީޖާއަކުން ބާސެލޯނާ ބަލިކޮށްފައެވެ.

އިންޓަގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 21 ވަނަ މިނެޓުގައި ލައުޓާރޯ މާޓިނޭޒް ވަނީ ލަނޑެއް ޖަހައި އިންޓައަށް ކުރިހޯދަދީފައެވެ. އޭގެފަހުން، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މާޓިނޭޒް އަށް ބާސެލޯނާގެ ޕައު ކުބާސީ ކުރި ފައުލަކާ ގުޅިގެން އިންޓައަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ޕެނަލްޓީ ކާމިޔާބުކޮށް، ހަކަަން ޗަނޮނޯލޫ ވަނީ އިންޓައަށް ލީޑު ފުޅާކޮށްދީފައެވެ.

ދެވަނަ ހާފުގައި ބާސެލޯނާއިން ވަނީ ތަފާތު މޮޅު ކުޅުމެއް ކުޅެފައެވެ. އެގޮތުން، ހާފު ފެށިގެން ނުވަވަނަ މިނެޓުގައި އެރިކް ގާސިއާ ވަނީ ލަނޑެއް ޖަހައި، ބާސެލޯނާއަށް އުއްމީދު އައުކޮށްދީފައެވެ. އަދި އޭގެ ހަ މިނެޓު ފަހުން ޑެނީ އޮލްމޯ ވަނީ ލަނޑު ޖަހައި ބާސެލޯނާއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް، ރަފީނިއާ ވަނީ ލަނޑު ޖަހައި ބާސެލޯނާއަށް ކުރިހޯދަދީފައެވެ. މިއާއެކު، ބާސެލޯނާއިން ވަނީ ފައިނަލަށް ދިއުމާ ފިޔަވަޅަކަށް ގާތަށް ޖެހިލާފައެވެ. ނަމަވެސް، މެޗުގެ އިތުރު ވަގުތުގައި ފްރެންޗެސްކޯ އަޗޭބީ ވަނީ ލަނޑު ޖަހައި، އަނެއްކާވެސް އިންޓައަށް ދިރުމެއް ހޯދަދީފައެވެ. މިއާއެކު މެޗުގެ ނަތީޖާ ނެރެފައިވަނީ އިތުރު ވަގުތުގެ ދެ ހާފު ކުޅެގެނެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި އިންޓަ މޮޅުކޮށްދިނީ ޑަވިޑޭ ފްރަޓޭސީ އެވެ. މި މެޗުގައި ބާސެލޯނާއިން ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް، އިންޓަގެ ކީޕަރު ޔަން ސޮމާގެ މޮޅު ކުޅުމާއެކު، އޭނާ ވަނީ އެ ހަމަލާތައް ހުއްޓުވާފައެވެ.

މި ނަތީޖާ އާއެކު އިންޓަ ވަނީ ތިން އަހަރު ތެރޭ ދެވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ފައިނަލަށް ދަތުރުކޮށްފައެވެ. 2023 ވަނަ އަހަރު އެ ޓީމު ވަނީ ފައިނަލުގައި މެންޗެސްޓާ ސިޓީ އަތުން ބަލިވެފައެވެ.

މިއަހަރުގެ ފައިނަލުގައި އިންޓަ ބައްދަލުކުރާނީ މިރޭ ޕީއެސްޖީ އާއި އާސެނަލް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. އާސެނަލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު، 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޕީއެސްޖީ އިންނެވެ.

ބާސެލޯނާ އިންޓަ މިލާން ޗެމްޕިއަންސް ލީގު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ