އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އިރު އެއްވެސް ހަތިޔާރެއް ގެންގުޅެފައި ނުވާކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ގައްސާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރު ޒިޔާދު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މިހާރު ރާއްޖެއިން ފޮނުވާލެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫންވެސް ވިދާޅުވެފައިވާކަމަށާއި ރާއްޖޭން ފޭބީ ކިތަށް ސިފައިންތޯ އާއި އިންޑިއާ ސިފައިން ގެންގުޅުނީ ކޮން ހަތިޔާރެއްތޯ ސުވާލު ކުރައްވާފަ އެވެ.
މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ގައްސާން ވަނީ އޭރު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އެއްވެސް ހަތިޔާރެއް ގެންގުޅެފައި ނުވާކަމަށް ވިދާޅުވެފަ އެވެ.
އޭރު ހަރަކާތްތެރިވި އިންޑިއާ ސިފައިން އެއްވެސް ހަތިޔާރެއް ގެންގުޅެފައެއް ނުވޭ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ގާއިމުވެގެން ތިބި އިންޑިއާ ސިފައިން ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ތެރެއިން އިންޑިއާ ސަރުކާރުން ގެންދަވާފައިވާ ކަމަށެވެ. މިނިސްޓަރު ވަނީ އިންޑިއާ ސިފައިން ރާއްޖެއިން ފޭބި ތާރީހުތައްވެސް ހާމަ ކުރައްވާފަ އެވެ.
ހަނިމާދޫ އާއި ލ. ކައްދޫއާއި ސ. ގަމުގައި ތިބި އިންޑިއާގެ ސިފައިން ވަނީ 6 ތާރީހަކަށް ބަހާލައިގެން ރާއްޖެއިން ފައިބާފަ އެވެ. އެގޮތުން ސ. ގަމުން ސިފައިން ފޭބީ 2024 ގެ މާޗް 7 އަދި މާޗް 9 ގަ އެވެ. ސ. ގަމުން ޖުމުލަ 24 އިންޑިއާ ސިފައިން ފޭބި އެވެ. ހަނިމާދޫން އިންޑިއާ ސިފައިން ފޭބީ މިދިޔަ އަހަރުގެ އޭޕްރީލް 7 އަދި އޭޕްރިލް 9 ގަ އެވެ. އޭޕްރިލް 7 ގައި 12 ސިފައިން ފޮނުވާލި އިރު އޭޕްރިލް 9 ގައި 13 ސިފައިން ވަނީ ފޮނުވާލާފަ އެވެ.
ލ. ކައްދޫއިން އިންޑިއާ ސިފައިން ފޭބީ މޭ މަހުގެ ތެރޭގަ އެވެ. މިދިޔަ އަހަރުގެ މޭ 7 ގައި 13 ސިފައިން ފޭބި އިރު މޭ 9 ގައި 12 ސިފައިން ވަނީ ފައިބާފަ އެވެ. ރާއްޖޭގައި ތިބި 74 އިންޑިއާ ސިފައިން ވަނީ އެކި ތާރީހުތަކުގައި ރާއްޖޭން ފައިބާފަ އެވެ.
ރައްޔިތުންގެ މަޖިލިސް އިންޑިޔާ ސިފައިން މިނިސްޓްރީ އޮފް ޑިފެންސް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން