މަސްވެރިންގެ ދުވަހާ ގުޅިގެން ކޮންމެ އަހަރު ބާއްވަމުން އަންނަ މަސްވެރިންގެ ގުންޒަރު ފަށައިފި އެވެ.
މިއަހަރުގެ މަސްވެރިންގެ ގުންޒަރު ބާއްވަނީ މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ރަސްމީކޮށް މިއަހަރު ކުރިއަށް ގެންދާ ރ. ދުވާފަރުގަ އެވެ. މި ގުންޒަރު ފައްޓަވައިދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެވެ.
މަސްވެރިންގެ ގުންޒަރަކީ މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މިސިނާއަތާއި ގުޅުންހުރި އެކިއެކި މައުލޫމާތު ފޯރުކޮށްދީ މި ސިނާއަތުގައި ހުރިދަތިތައް ހައްލުކުރާނެ ގޮތްތަކާއި ސިނާޢަތު ތަރައްޤީކޮށް ކުރިއެރުވުމާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާ ފޯރަމް އެކެވެ.

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ހޯލުގައި ބާއްވާ މިއަހަރުގެ ފޯރަމްގައި 9 އަތޮޅަކުން 40 މަސްވެރިންނާ 4 މަސް ޕްރޮސެސްކުރާ ކުންފުންޔަކުން ބައިވެރިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.
މަސްވެރިންގެ ގުންޒަރު ފައްޓަވައިދެއްވަމުން މިނިސްޓަރު ޝިޔާމް ދެއްކެވި ވާހަކަފުޅުގައި މަސްވެރިންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށް ވިދާޅުވެފައިވެ އެވެ. މިނިސްޓަރު ވިދާޅުވީ މަސްވެރިންނާ ގުޅުންހުރި ގޮންޖެހުންތަކަކީ ޒަމާންވީ ގޮންޖެހުންތަކަކަށް ވާތީ އެކަންކަން ހައްލުކުރުމަށް ވަގުތާއި ހޭދަވެސް ކުރަން ޖެހޭ ކަމަށެވެ. މި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ބައެއް ފަހަރު ސަރުކާރަށްވެސް ގޮންޖެހުންތަކާ ކުރިމަތިވި ނަމަވެސް ސަރުކާރުގެ އަމާޒަކީ މި ގޮންޖެހުންތަކާ އެކުވެސް މަސްވެރިންގެ ހުރި ޒަމާންވީ ކަންބޮޑުވުންތަކަސް ހައްލު ހޯދުން ކަމަށެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވީ މަސްވެރިންނަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދަވާނެކަން ޔަގީން ކަމަށެވެ.
މަސްވެރިންގެ ދުވަސް މަސްވެރިކަން މިނިސްޓަރު އަހްމަދު ޝިޔާމް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް



