އަނިޔާވެރި ޔަހޫދީ ދައުލަތުގެ ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އެތެރެވުން މަނާކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ހިތްވަރުގަދަ ތާރީޚީ ނިންމެވުމެއް ކަމަށް ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން ބުނެފި އެވެ.
އެ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ”ފަލަސްތީނުގެ މުޤައްދަސް ބިމަށް އަރައިގަނެ މުސްލިމު އަޚުންނާއި އުޚުތުންގެ ގެދޮރު ސުންނާފަތިކޮށް އެތައް އަނިޔާއެއްދީ މަރަމުންދާ ސަހްޔޫނީ ޔަހޫދީން ހިތް އުފާކޮށް ޗުއްޓީ ހޭދަކުރާ މަންޒިލަކަށް މި ދީބުގެ ހަމަހިމޭން ރަށްތައް ހުޅުވާލައިފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށް މި ސައްތައިން ސައްތަ އިސްލާމީ ޤައުމުގެ ރައްޔިތުން އެދި ގޮވާތާ އެތައް ޒަމާނެއް ވެއްޖެ“ އެވެ. އަދި ރައްޔިތުންގެ މި އަޑު އައްސަވައި، ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ފިއްތުންތަކަށްވުރެ ރައްޔިތުން އިސްކޮށް، ރައްޔިތުންގެ ވިންދާ އެއްގޮތަށް މި ނިންމެވުން ނިންމެވި ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ސައްތައިން ސައްތަ މުސްލިމު ޤައުމެއްގެ ހައިސިއްޔަތުން ލާއިންސާނީ އަމަލުތަކާ ދެކޮޅުކަން މުޅި ދުނިޔެއަށް ހާމަކޮށް ނަމޫނާ ދައްކާފައިވާތީ، ހުވަދުއަތޮޅު ދެކުނުބުރީ ރައްޔިތުންގެ ނަމުގައި ރައީސް މުއިއްޒަށާއި ރައްޔިތުންގެ މަޖިލީހަށާއި މި ކަމުގައި މަސައްކަތް ކޮށްދެއްވި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކޮށްފައިވެ އެވެ.
އިއްޔެ ރައްޔިތުންގެ މަޖިލީހުން ވަނީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާމެދު ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުމަކަށް އަންނަންދެން އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ޤާނޫނަށް އިސްލާހެއް ގެނެސް ފާސްކޮށްފަ އެވެ. އަދި ރައީސް މުއިއްޒު ވަނީ މި އިސްލާހު ތަސްދީޤުކުރައްވައި، އެއަށް އަމަލުކުރަން ފައްޓަވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގދ. އަތޮޅު ކައުންސިލް