ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިޖުތިމާއީ އަދި ސޯޝިއަލް މިނިސްޓްރީ އާއި ފަހި ދިރިއުޅުން ކޯޕަރޭޝަނާއެކު މުހިންމު ބައްދަލުވުމެއް ބާއްވައިފި އެވެ.
މި ބައްދަލުވުމަކީ ’އެމްޕަވާމަންޓް ހަބް‘ ގެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.
އިސްލާމިކް މިނިސްޓްރީގައި ބޭއްވުނު މި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ސޯޝިއަލް މިނިސްޓަރ ޑރ. ޢައިޝަތު ޝިހާމް އަދި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ބައްދަލުވުމުގައި އިތުރަށް ބައިވެރިވެވަޑައިގެންނެވި ފަރާތްތަކުގެ ތެރޭގައި ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް ޢިއްޒުދީން ޢަދުނާންއާއި، ޒަކާތު ހައުސްގެ އިސްވެރިންނާއި، ސޯޝިއަލް މިނިސްޓްރީގެ އިސްވެރިންގެ އިތުރުން ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އިސް އޮފިޝަލުން ހިމެނެ އެވެ.
އެމްޕަވާމަންޓް ހަބްގެ މަޤްޞަދު
އެމްޕަވާމަންޓް ހަބްގެ މައިގަނޑު އަމާޒަކީ ސްކޫލް މަރުހަލާ ފުރިހަމަކުރުމަށްފަހު މުޖުތަމަޢުއަށް ނުކުންނަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމެވެ. މިގޮތުން އެ ފަރާތްތަކުގެ ބޭނުންތައް ދެނެގަނެ، އެ ފަރާތްތަކުގެ ހުނަރު ތަރައްޤީކުރުމާއި، މަސައްކަތުގެ ތަޖުރިބާ ހޯދައިދިނުމާއެކު، އިޤްތިޞާދީ މިނިވަންކަމަށް މަގުފަހިކޮށްދޭ ފުރުޞަތުތައް ފަހިކޮށްދިނުން ހިމެނެ އެވެ.
މި މަޝްރޫޢަކީ ޒަކާތު ހައުސްއާއި ސޯޝިއަލް މިނިސްޓްރީ އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން ގުޅިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މުހިންމު މަޝްރޫޢެއެކެވެ.
ހަމްދާން ޝަކީލް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މޯލްޑިވްސް ޒަކާތު ހައުސް ފަހި ދިރިއުޅުން ކޯޕަރޭޝަން
