ނިމުނު އަހަރު އިޤްތިސާދު 5.1% ކުރިއަރައި، ޖީޑީޕީ 101.8 ބިލިއަންއަށް

Advertisement

އެންމެ ފަސް

Advertisement

މިދިޔަ އަހަރު ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީ 5.1 އިންސައްތަ ކުރިއަރައިފި އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2024 ވަނަ އަހަރު ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީ ވަނީ 101.8 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 5.1 އިންސައްތައިގެ ކުރިއެރުމެކެވެ.

އަހަރުގެ ފުރަތަމަ ކުއާޓަރުގައި 1.66 ބިލިއަން ރުފިޔާގެ ކުރިއެރުމަކާއެކު ވަރުގަދަ ފެށުމެއް ފެށުނު ނަމަވެސް، ދެވަނަ ކުއާޓަރުގައި އިޤްތިޞާދު ދަށަށް ދިޔައެވެ. އެހެންނަމަވެސް ތިންވަނަ އަދި ހަތަރުވަނަ ކުއާޓަރުގައި އިޤްތިޞާދު އަލުން ރަނގަޅުވެ، އަހަރު ނިމުނުއިރު ޖުމްލަ ގޮތެއްގައި ރަނގަޅު ނަތީޖާއެއް ވަނީ ހާސިލުކުރެވިފަ އެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން އެންމެ ބޮޑު ހިއްސާއެއް

އިޤްތިޞާދަށް އެންމެ ބޮޑު ހިއްސާއެއް ކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއިންނެވެ. ފަހު ކުއާޓަރުގައި ޖީޑީޕީގެ 22.2 އިންސައްތަ މި ދާއިރާއިން ހިއްސާކުރިއިރު، އެއީ 5.84 ބިލިއަން ރުފިޔާ އެވެ. އެއީ 2023 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާއާ އަޅާބަލާއިރު 6.4 އިންސައްތައިގެ އިތުރުވުމެކެވެ. މި ކުރިއެރުން ލިބުނީ ފަތުރުވެރިންގެ އެނދު-ރޭގެ އަދަދު އިތުރުވުމުގެ ސަބަބުންނެވެ. އެގޮތުން ޓޫރިސްޓް ބެޑް-ނައިޓްސް 205،808 އަށް އިތުރުވި އެވެ.

ދަތުރުފަތުރާއި މުވާޞަލާތީ ޚިދުމަތްތަކުގެ ދާއިރާއިން އިޤްތިސާދުގެ 13.2 އިންސައްތަ ހިއްސާކޮށް، 7.1 އިންސައްތައިގެ ކުރިއެރުމެއް ވަނީ ހޯދާފަ އެވެ. އަދި ކުއާޓަރލީ 6.6 އިންސައްތައިގެ ކުރިއެރުމެއް މި ދާއިރާއިން ލިބިފައިވެ އެވެ. މި ކުރިއެރުން ލިބިފައިވަނީ ޓެލެކޮމް، ދަތުރުފަތުރު އަދި ގުދަންކުރުމުގެ ޙަރަކާތްތައް އިތުރުވުމުގެ ސަބަބުންނެވެ.

ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ރަނގަޅުވިނަމަވެސް، އިމާރަތްކުރުމުގެ ދާއިރާ ދަށަށް

ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާއިންވެސް ވަނީ ރަނގަޅު ކުރިއެރުމެއް ހޯދައި، 2.45 ބިލިއަން ރުފިޔާ އަކާއެކު ޖީޑީޕީގެ 9.3 އިންސައްތަ ހިއްސާކޮށްފަ އެވެ. އެހެންނަމަވެސް، އިމާރާތްކުރުމުގެ ދާއިރާއަށް ވަނީ ދަށްވުމެއް އައިސް، އަހަރީ އަޅާކިޔުމުގައި 0.2 އިންސައްތަ އަދި ކުރީ ކުއާޓަރާ އަޅާބަލާއިރު 3.6 އިންސައްތަ ދަށްވެފަ އެވެ.

އޭގެއިތުރުން ކަރަންޓާއި ފެނުގެ ދާއިރާ 6.8 އިންސައްތަ އިތުރުވެ، 517 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، މާލީ ޚިދުމަތްތައް އަހަރީ ގޮތުން 2.9 އިންސައްތަ އިތުރުވެފައިވެ އެވެ. ނަމަވެސް އިމާރާތްކުރުމުގެ ތަކެތި އިމްޕޯޓްކުރުން ދަށްވުމުގެ ސަބަބުން އިމާރާތްކުރުމުގެ ދާއިރާ ވަނީ ދަށަށް ގޮސްފަ އެވެ.

މިދިޔަ އަހަރު ރާއްޖޭގެ އިޤްތިސާދު 5.1 އިންސައްތައިގައި ކުރިއަރާފައިވާއިރު، މި އަހަރުގެ ފުރަތަމަ މަހުވެސް ރާއްޖޭގެ އިޤްތިސާދު ވަނީ ކުރިއަރާފަ އެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ މަހު ޤައުމީ އުފެއްދުންތެރިކަން 7.4 އިންސައްތަ އިތުރުވިކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު މިނިސްޓްރީ އޮފް ފިނޭންސް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ