މަޝްރޫއު އިން އުނިކުރަން ޖެހުނަސް، ވަކި މަޝްރޫއެއްގެ ގޮތުގައި އައްޑޫ އެއާޕޯޓާއި ގުޅޭ މަގު ހަދާނަން: މިނިސްޓަރު

Advertisement

އެންމެ ފަސް

Advertisement

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ އެއާޕޯޓާ ގުޅޭ މަގުގެ މަސައްކަތް، އެ މަޝްރޫއު އިން އުނިކުރީ ހުސްކުރަންޖެހޭ އިމާރާތެއް ހުސްނުކުރެވުމުން މަސައްކަތް ލަސްވެ، ކޮންޓްރެކްޓަރަށް ބަދަލުދޭން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެދާނެތީ ކަމަށާއި މަގުގެ މަސައްކަތް އުނިކުރަން ޖެހުނަސް ވަކި މަޝްރޫއެއްގެ ގޮތުގައި އެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ރަނާޓާސް ކުންފުނީގެ އެއާޕޯޓް މަޝްރޫއުގެ ތެރެއިން މަގުގެ މަސައްކަތް އުނިކުރި މައްސަލައިގައި އައްޑޫ ސިޓީ ކައުންސިލުން މިއަދު ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް، އެކްސްގައި މިނިސްޓަރު މުއްތަލިބު ކުރެއްވި ޕޯސްޓެއްގައި ވަނީ އެކަމުގެ ތަފްސީލު ދެއްވައިފައެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ މަގެއްގެ މަސައްކަތް ކުރުމަށް ހުސްކުރަންޖެހޭ އިމާރާތެއް ހުސްނުކުރެވި އެ ބިން ކޮންޓްކްޓަރާ ހަވާލުނުކުރެވުމުގެ ސަބަބުން ޕްރޮޖެކްޓް ނިންމަންޖެހޭ މުއްދަތަށް ނިންމުމަށް ދަތިވެ، އޭގެ ސަބަބުން ކޮންޓްރެކްޓަރަށް ބަދަލުދޭން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެ ދައުލަތަށް މާލީގޮތުން ގެއްލުންވެދާނެތީ އެ އިމާރާތް ހިމެނޭ ސަރަހައްދުގެ މަގުގެ ބައި ޕްރޮޖެކްޓުން އުނިކުރަން ބޭނުންވާކަން ކޮންޓްރެކްޓަރަށް އެންގުމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑަށް ވާނީ އަންގައިފައެވެ..،“ މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ހުސްކުރަން އަންގާފައިވާ އިމާރާތަކީ އަދި އެ އިމާރާތް ހުރި ބިމަކީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮންޕެނީގެ މިލްކެއް ކަމަށާއި އެހެންނަމަވެސް ދެ އަހަރެއްހާ ދުވަހު މަސައްކަތްކޮށްގެންވެސް އެ އިމާރާތް ބޭނުންކުރަމުންދާ ފަރާތުން ތަން ހުސްކުރުމަށް ދެކޮޅު ހެދުމުގެ ސަބަބުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް އެ ބިން ކޮންޓްރެކްޓަރާ ހަވާލުކުރެވިފައިނުވާ ކަމަށެވެ. އަދި މަޝްރޫއު އިން މަގުގެ މަސައްކަތް އުނިކުރަން ޖެހުނު ނަމަވެސް، އެ މަސައްކަތް ކުރިއަށްގެންދެވޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު މުއްތަލިބު އިތުރަށް ވިދާޅުވީ އުންމީދަކީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއެކު އެ އިމާރާތް ހުސްކުރެވި، ކޮންޓްރެކްޓަރާ ވީހާވެސް އަވަހަކަށް ހަވާލުކުރެވޭ ގޮތްވުން ކަމަށެވެ.

ހުސްކުރަން އެންގި ބިމުގައި ހުންނަ އެ އިމާރާތަކީ އީކުއެޓާ ވިލެޖުން ބޭނުންކުރަމުން އަންނަ އިމާރާތެކެވެ.

ހައުސިން މިނިސްޓްރީ އައްޑޫ ސިޓީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ