ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައާއި އިނާޔަތްތައް ކުޑަކުރުމާއި ދެކޮޅުކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައާއި އިނާޔަތްތައް ކުޑަކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައިވާ ދަނޑިވަޅެއްގައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މެންބަރު އައްބާސް ވިދާޅުވެފައިވަނީ މަޖިލިސް މެންބަރުން އަދާކުރަމުންދަނީ ވަރަށް ބޮޑު ޤައުމީ އަދި ފަރުދީ ޒިންމާއެއް ކަމަށާއި، މިހާރު ލިބޭ މުސާރައިން ދެކޮޅު ނުޖެހޭ ކަމަށެވެ. އަދި ލިވިންގ އެލަވަންސްއަށްވުރެ އެޕާޓްމަންޓުތަކުގެ ކުލި ބޮޑުކަން ފާހަގަކުރައްވާފައިވެ އެވެ.
މެންބަރު އައްބާސް ވިދާޅުވި ގޮތުގައި ދާއިރާގެ ކޮންމެ ރަށެއްގައި ހިންގާ ކުޅިވަރު މުބާރާތްތަކާއި، ތަރައްޤީގެ މަޝްރޫޢުތަކަށް ކޮންމެ މަހަކު އެތައް ހާސް ރުފިޔާއެއް ހޭދަކުރަން ޖެހެ އެވެ. މީގެ އިތުރުން ދާއިރާގެ ރައްޔިތުން ބޭސްފަރުވާއަށް މާލެ އައުމުންނާއި ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާ ރައްޔިތުންނަށް ވެސް އެތައް ހާސް ރުފިޔާއެއް ކޮންމެ މަހަކު ހޭދަކުރަން ޖެހޭކަމަށް ވިދާޅުވި އެވެ.
”ކޮންމެ ހާލަތެއް ދިމާވިޔަސް ދާއިރާގެ މެޖޯރިޓީ ރައްޔިތުން ގުޅަމުން ދަނީ ދާއިރާގެ މަޖިލިސް މެންބަރަށް. ބޮޑު މުސާރަ ލިބޭ އެހެން އެއްވެސް ސިޔާސީ ބޭފުޅަކަށް ދާއިރާގެ ރައްޔިތުން ނުގުޅާނެ,“ މެންބަރު އައްބާސް ވިދާޅުވި އެވެ.
މަޖިލިސް މެންބަރުންގެ މުސާރައާއި އިނާޔަތްތައް ކުޑަކުރުމަށް ގޮވާލާ ޕެޓިޝަނުގައި ބުނެފައިވަނީ މެންބަރުންގެ އާމްދަނީ އާންމު ރައްޔިތުންނަށް އެވްރެޖްކޮށް ލިބޭ އާމްދަނީއާ ނުބައްދަލުކަމަށެވެ. މިހާރު މަޖިލީހުގެ މެންބަރެއްގެ މުސާރައާއި އެލަވަންސްގެ ގޮތުގައި މަހަކު 85,000 ރުފިޔާ ލިބެ އެވެ.
ރައްޔިތުންގެ މަޖިލިސް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް