ގައުމީ ޓީމަށް އެބެރެޗީ އެޒޭ ޖަހައިދިން ފުރަތަމަ ލަނޑާއެކު އިންގްލެންޑުން 3-0 ގެ ނަތީޖާއަކުން ލަޓްވިއާ ބަލިކޮށްފިއެވެ.
ތޯމަސް ޓުޗެލްގެ އިރުޝާދާއެކު އިންގްލެންޑުން ކުޅުނު ދެވަނަ މެޗުގެ ކުރީކޮޅު ލަޓްވިއާ އިންވަނީ ރަނގަޅު ޑިފެންސިވް ކުޅުމެއް ކުޅެފައެވެ. ލަޓްވިއާ އަކީ ދުނިޔޭގެ ރޭންކިންގެ 140 ވަނައިގައި އޮތް ޓީމެވެ.
ފުރަތަމަ ހާފު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް އިންގްލެންޑަށް ލިބުނު ހިލޭ ޖެހުމަކުން، ޗެލްސީގެ ކެޕްޓަން ރީސް ޖޭމްސް ވަނީ ލަނޑު ޖަހައި އެ ޓީމަށް ކުރިހޯދަދީފައެވެ. މިދީ 2022 ވަނަ އަހަރުގެ ސެޕްޓެންބަރު މަހަށްފަހު އިންގްލެންޑްގެ ފުރަތަމަ 11 އިން ޖޭމްސް އަށް ޖާގަ ލިބުނު ފުރަތަމަ ފަހަރެވެ.
ދެވަނަ ހާފު ފެށިގެން މެޗުގެ 68 ވަނަ މިނެޓުގައި ޑެކްލަން ރައިސް ނަގައިދިން ހުރަހަކުން ހެރީ ކޭން ވަނީ ލަނޑު ޖަހައި އިންގްލެންޑަށް ލީޑު ފުޅާކޮށްދީފައެވެ. އެއީ ގައުމީ ޓީމަށް ކުޅުނު 105 މެޗުން އޭނާ ޖެހި 71 ވަނަ ލަނޑެވެ.
އިންގްލެންޑުން ދެ ލަނޑުގެ ލީޑެއް ނެގުމާއެކު ލަޓްވިއާ ޓީމު ވަނީ ވަރަށް ބޮޑަށް ޕްރެޝަރަށް ގޮސްފައެވެ. އޭގެ ފައިދާ ނަގައި، ބަދަލަކަށް ކުޅެން ނިކުތް އެޒޭ ވަނީ އިންގްލެންޑުގެ ތިންވަނަ ލަނޑު ޖަހާފައެވެ. މިއީ ގައުމީ ޓީމަށް އެޒޭ ޖަހައިދިން ފުރަތަމަ ލަނޑެވެ.
އިންގްލެންޑުން ވަނީ ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ ދެ މެޗު ކާމިޔާބުކޮށް، ފެށުން ރަނގަޅު ކޮށްފައެވެ.
