ޓުޗެލްގެ އިރުޝާދާއެކު ކުޅުނު ފުރަތަމަ މެޗުން އިންގްލެންޑް މޮޅުވެއްޖެ

Advertisement

އެންމެ ފަސް

Advertisement

އިންގްލެންޑްގެ ކޯޗު ކަމާ އަލަށް ހަވާލުވި ތޯމަސް ޓުޗެލްގެ އިރުޝާދާއެކު އެ ޓީމުން ކުޅުނު ފުރަތަމަ މެޗުން 2-0 ގެ ނަތީޖާއަކުން އަލްބޭނިއާ އަތުން މޮޅުވެއްޖެއެވެ.

އަލްބޭނިއާ އާ ދެކޮޅަށް ރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗަކީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ ކޮލިފައިން މެޗަކެވެ. އިންގްލެންޑްގެ ކޯޗުކަން ޓުޗެލް އާ ހަވާލުކުރީ ކުރީގެ ކޯޗު، ގެރެތު ސައުތުގޭޓް މަގާމުން ވަކިކުރުމަށްފަހުއެވެ.

ރޭގެ މެޗުގައި އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ އާސެނަލް އަށް ކުޅޭ ޒުވާން ކުޅުންތެރިޔާ، މައިލްސް ލެވިސް-ސްކެލީ އަށެވެ. އިންގްލެންޑް ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުގެ 20 ވަނަ މިނެޓުގައި އޭނާ ވަނީ ލަނޑު ޖަހައި، އެ ޓީމަށް ކުރިހޯދަދީފައެވެ. މިއާއެކު، އޭނާ ވެފައިވަނީ އިންގްލެންޑް ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. އޭނާގެ އުމުރަކީ 18 އަހަރާއި 176 ދުވަހެވެ. މީގެކުރިން މި ރެކޯޑު އޮތީ މާކަސް ރަޝްފޯޑް އަތުގައެވެ. 2016 ވަނަ އަހަރުގެ މެއި މަހު ރަޝްފޯޑް އެންމެ ފުރަތަމަ ލަނޑު ޖެހިއިރު އޭނާގެ އުމުރަކީ 18 އަހަރާއި 209 ދުވަހެވެ.

ރޭގެ މެޗުގައި ޓުޗެލް ވަނީ ނިއުކާސަލް އަށް ކުޅޭ އުމުރުން 32 އަހަރުގެ ޑޭން ބާން އަށްވެސް ފުރުސަތު ދީފައެވެ. މިއީ ގައުމީ ޓީމަށް ބާން ވެސް ކުޅުނު ފުރަތަމަ މެޗެވެ. އޭނާ ވަނީ މިދިޔަ އާދީއްތަ ދުވަހު ނިއުކާސަލް އިން ލިވަޕޫލް ބަލިކޮށް ލީގު ކަޕު ކާމިޔާބުކުރި މެޗުގައި ލަނޑު ޖަހާފައެވެ.

ދެވަނަ ހާފު ފެށިގެން މެޗުގެ 77 ވަނަ މިނެޓުގައި ހެރީ ކޭން ވަނީ ލަނޑު ޖަހައި އިންގްލެންޑަށް ލީޑު ފުޅާކޮށްދީފައެވެ. އެއީ ގައުމީ ޓީމަށް ކުޅުނު 104 މެޗުން އޭނާ ޖެހި 70 ވަނަ ލަނޑެވެ.

އިންގްލެންޑާއި އަލްބޭނިއާ އާއެކު ގުރޫޕް ”ކޭ“ ގައި ދެން ހިމެނެނީ ލަޓްވިއާ އާއި ސާބިއާގެ އިތުރުން އެންޑޯރާ އެވެ.

އިންގްލެންޑް ގައުމީ ޓީމް ވޯލްޑް ކަޕް ކޮލިފައިން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ