ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި އެޗްޑީސީ ގުޅިގެން ”އަވައްޓެރި ރޯދަ ވީއްލުން“ ގެ ނަމުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ރޯދަ ވީއްލުންތަކެއް ބޭއްވުމަށް ނިންމައިފި އެވެ.
މި ސިލްސިލާގެ ފުރަތަމަ ރޯދަ ވީއްލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހުޅުމާލެ ފޭސް 1 ގެ ހުރަވީ ސްކޫލު ކުރިމަތީގައި އޮންނަ ރަނައުރާ މަގުގަ އެވެ. މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ބަހާލެވިފަ އެވެ.
އެޗްޑީސީން މި ހަރަކާތް ރާވާފައިވަނީ ހުޅުމާލޭގެ ނެއިބަހުޑް ޕޮލިހާއި ރައްޔިތުންނާ ގުޅިގެންނެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ދިރުވުން ކަމަށް އެޗްޑީސީން ވަނީ ފާހަގަކޮށްފަ އެވެ.
އެޗްޑީސީގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ގިނަ ހަރަކާތްތަކެއް ހުޅުމާލޭގެ ރައްޔިތުންނާ ގުޅިގެން ކުރިއަށް ގެންދިއުމެވެ. މީގެ އިތުރުން ހުޅުމާލެއަކީ ގުޅުން ބަދަހި ރައްޔިތުން ދިރިއުޅޭ ހިތްފަސޭހަ ތަނަކަށް ހެދުމަށްވެސް އެ ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.
