ކަރަންޓު ލޯޑު އެންމެ ބޮޑު ވަނީ މެންދުރު ފަހު އަދި ރޭގަނޑު: ސްޓެލްކޯ

Advertisement

އެންމެ ފަސް

Advertisement

ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި ކަރަންޓު ލޯޑު އެންމެ ބޮޑު ވެފައިވަނީ ކޮންމެ ދުވަހެއްގެވެސް މެންދުރު ފަހާއި ރޭގަނޑުގެ ވަގުތުތަކުގައިކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފި އެވެ.

ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ރަމަޟާންމަހުގެ ފުރަތަމަ ހަފްތާގައި މާލެ ސަރަޙައްދުގައި ކަރަންޓު ބޭނުން ކުރި މިންވަރު ދައްކުވައިދޭ ޗާޓަކާއިއެކު އޭގެ ތަފްސީލް ހިއްސާކޮށްފަ އެވެ.

ސްޓެލްކޯއިން ހާމަކުރި ގޮތުގައި މާލެއާއި ހުޅުމާލޭގައި ކަރަންޓު ބޭނުންކުރެވެމުންދަނީ ވަކި ޕެޓާނަކަށެވެ. އެގޮތުން ރޯދަ މަހުގެ ފުރަތަމަ 7 ދުވަހުވެސް ރޭގަނޑު 12:00 އިން ފެށިގެން ހެނދުނު 6:00 އާ ހަމައަށް ކަރަންޓު ބޭނުންކުރާ މިންވަރު ދަށްކަމަށް ފާހަގަ ކުރެވޭކަމަށް ސްޓެލްކޯއިން ބުނެ އެވެ. އަދި އޭގެ ފަހުން ހެނދުނު 6:00 އިން 9:00 އާ ހަމައަށް ކަރަންޓު ބޭނުން ކުރާ މިންވަރު އެއްހަމައެއްގައި މަތިވާކަމަށްވެސް ބުނެފައިވެ އެވެ.

ހެނދުނު 9:00 އިން ފެށިގެން މެންދުރު 1:00 އާ ހަމައަށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވަމުންދާކަމަށާއި އެވަގުތުގައި ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވަނީ އެއީ ހޫނު ގަދަވަމުންދާ ގަޑިތަކަކަށް ވުމުގެ އިތުރުން އޮފީސް ގަޑިވެސް ކަމަށްވާތީކަމަށް ސްޓެލްކޯއިން ބުނެ އެވެ.

މެންދުރު 1:00 އިން ހަވީރު 5:00 އާ ދެމެދު ކަރަންޓު ބޭނުންކުރާ މިންވަރު އެންމެ މަތިވެ އެވެ. މިއީ ހޫނުވުމުގެ އިތުރުން ރަމަޟާންމަހަށްވެފައި ބަދިގޭގެ އެޕްލަޔަންސްތައް ގިނައިން ބޭނުންކުރާ ވަގުތު ކަމަށްވާތީއެވެ.

ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 7:00 އާ ހަމައަށް ކަރަންޓު ބޭނުންކުރާ މިންވަރު ދަށްވި ނަމަވެސް އޭގެ ފަހުން ދަންވަރު 12:00 އާ ހަމައަށް މެންދުރުގެ ލޯޑާ އެއްވަރަކަށް ކަރަންޓު ބޭނުންކުރެވެ އެވެ.

ސްޓެލްކޯއިން ވަނީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ ގަޑިތަކުގައި ކަރަންޓު އިޤްތިޞާދުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ.

ރަމަޟާން 1446 ކަރަންޓުގެ ހިދުމަތް ސްޓެލްކޯ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ