ދިވެހިރާއްޖެއާ ގާތުން މަސައްކަތްކުރުމުގައި އަބަދުވެސް ދެމި އޮންނާނެކަމުގެ ޔަގީންކަން ޖަޕާނުން ދީފި އެވެ.
މި ޔަގީންކަން ދެއްވާފައި ވަނީ، ޖަޕާނުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު އިޝިގާމީ ރުމީކޯ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ޚަލީލްއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި ދެބޭފުޅުންވެސް ވަނީ މަޝްވަރާތައްކުރައްވާފަ އެވެ.
އެގޮތުން މިނިސްޓަރު ޑރ. ޚަލީލްގެ ވާހަކަފުޅުގައި ދިވެހިރާއްޖެއާއި ޖަޕާންއާ ދެމެދު އޮތް ޒަމާންވީ ގާތް ރަހްމަތްތެރިކަން ފާހަގަކުރައްވައި، ރާއްޖޭގެ ތަރައްޤީއަށް ޖަޕާނުން ވެދެއްވަމުން ގެންދަވާ މުހިންމު މަސައްކަތްތަކާއި، ޚާއްޞަކޮށް ކާރިސާތައް މެނޭޖްކުރުމާއި، އުމްރާނީ ތަރައްޤީއާއި، ތަޢުލީމާއި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ޖަޕާނުން ވެދެއްވަމުން ގެންދަވާ މުހިންމު މަސައްކަތްތަކަށް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
މި ބައްދަލުވުމުގައި ޖަޕާނުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ކުރިއަށް ގެންދިޔުމުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާ އެކު މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފަ އެވެ.
މި ބައްދަލުވުމުގައި މިނިސްޓަރުގެ އަރިހުގައި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ޝެރީނާ ޢަބްދުއްޞަމަދު، ސެކްރެޓަރީ، ބައިލެޓަރަލް ޑރ. ހާލާ ހަމީދު، އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދު ފައިޒަލް އަދި އެސިސްޓަންޓް ޑިރެކްޓަރ މުޙައްމަދު ޝުޖާޢު ބައިވެރިވެވަޑައިގެންނެވި އެވެ.