ހަނގުރާމަ ހުއްޓާލުމަށް އިޒްރޭލް-ހަމާސް އިން އެކުލަވާލި އެއްވެބަސްވުމުގެ ބައެއް ބައިތަށް ބަދަލުކޮށްފައިވާކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ހާމަކޮށްފި އެވެ.
ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެއްބަސްވުމުގެ ވަކި މާއްދާއަކުން އިޒްރޭލަށް ލިބިދޭ، ފަލަސްތީނު ބަންދީން ދޫކޮށްލުމުގެ ވީޓޯ ބާރާމެދު ހަމާސްއިން އިއުތިރާޒުކުރަމުންދާ ކަމަށެވެ. އަދި ހަމާސްއިން މަސައްކަތްކުރަމުންދަނީ ދޫކޮށްލާނެ ފަލަސްތީނު ބަންދީން ކަނޑައެޅުމަށް ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ކުރީގެ އެއްބަސްވުމުގައި ހިފެހެއްޓުމަށް ނެތަންޔާހޫ ވަނީ އިޒްރޭލުގެ މަޝްވަރާކުރާ ފަރާތްތަކަށް އަންގަވާފައިވާ ކަމަށް އެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް، ހަމާސްއިން މިހާތަނަށް މިކަމާ ގުޅޭގޮތުން އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.
އެއްވެސް އެއްބަސްވުމެއް ވުމުގެ ކުރިން ނަތަންޔާހޫގެ ސެކިއުރިޓީ ކެބިނެޓާއި އަދި އޭގެ ފަހުން ސަރުކާރުގެ ހުއްދަ ހޯދަންޖެހޭނެއެވެ.
މި އެއްބަސްވުން އިޢުލާނުކުރި ފަހުން މަދުވެގެން 32 މީހުން ވަނީ އިޒްރޭލުގެ ބޮމުގެ ހަމަލާތަކުން މަރުވެފައިވާ ކަމަށް މެޑިކަލް އޮފިޝަލުން ރިޕޯޓުކޮށްފައިވެއެވެ. ބުރާސްފަތި ދުވަހުގެ ހެނދުނާ ހަމައަށްވެސް ހަމަލާތައް ކުރިއަށްދިޔައެވެ. މީގެ ތެރޭގައި ދެކުނު ޣައްޒާގެ ރަފާހު، މެދު ޣައްޒާގެ ނުސައިރާތު އަދި އުތުރު ޣައްޒާގައި ގެތައް ވަނީ ތަޅާލެވިފައިވާ ކަމަށް އެ ސަރަޙައްދުތަކުގެ ރައްޔިތުން މަޢުލޫމާތު ދީފައިވެއެވެ.
ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގެ އެއްބަސްވުން ޢަމަލުކުރަން ފަށާނީ އާދީއްތަ ދުވަހުއެވެ. މި އިޢުލާނު އައިސްފައިވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ފަލަސްތީނުގެ ސާޅީސް ހާހަށްވުރެ ގިނަ މީހުން މަރުވެ، އަދި އެތަކެއް މީހުން ޒަޚަމްވެ، އެތައް ބަޔަކު ގެދޮރުން ނުކުމެ ދާންޖެހިފައިވާ ދަނޑިވަޅެއްގައި ދޯހާގައި ހިނގި ދިގު މަޝްވަރާތަކެއްގެ ފަހުންނެވެ.
2023 އޮކްޓޯބަރ 7 ގައި ހަމާސްއިން ދިން ހަމަލާގައި 1،200 އަށްވުރެ ގިނަ މީހުން މަރުވެ، އަދި 250 އެއްހާ މީހުން ރަހީނުކުރެވުނެވެ. މި ހާދިސާއާ ގުޅިގެން އިޒްރޭލުން އެޅި ފިޔަވަޅެއްގެ ގޮތުން ފަށާފައިވާ އެއްގަމު ހަމަލާތަކުގެ ސަބަބުން، ޣައްޒާގެ މީހުން ދިރިއުޅޭ ސަރަޙައްދުގެ ބޮޑު ބައެއް ވަނީ ބޮޑެތި ގެއްލުންތަކާ ކުރިމަތިވެފައެވެ.
މި ހަނގުރާމަ ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޤަޠަރުގެ މެދުވެރިކަމާއެކު ވެވުނު މި އެއްބަސްވުމަކީ އުއްމީދީ ފިޔަވަޅެއް ކަމުގައި ބެލެވުނު ނަމަވެސް، މިހާރު އުފެދިފައިވާ ހުރަސްތަކުގެ ސަބަބުން އޭގެ ތަންފީޒު ލަސްވަމުންދާކަން ފާހަގަކުރެވެ އެވެ.
ރޮއިޓަރސްއިން ރިޕޯޓުކުރި ގޮތުގައި، އިސްރާއީލާއި ޙަމާސް އާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން، 6 ހަފުތާގެ މުއްދަތަށް ވަގުތީގޮތުން ހަނގުރާމަ ހުއްޓާލުމާއި، ރަހީނުން ދޫކޮށްލުމުގެ އިތުރުން އެހެނިހެން މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ވަނީ އެއްބަސްވެފަ އެވެ.
މި އެއްބަސްވުމުގެ މައިގަނޑު ނުކުތާތަކުގެ ތެރޭގައި ހިމެނެނީ:
- ގައްޒާގެ މެދުތެރެއިން އިސްރާއީލު ސިފައިން އަނބުރާ ގެންދިއުން
- ގައްޒާގެ އުތުރު ސަރަޙައްދަށް ފަލަސްޠީނުގެ ރައްޔިތުން އަނބުރާ ގެނައުން
- ޙަމާސްއިން 33 ރަހީނުން (އަންހެނުން، ކުޑަކުދިން، އަދި 50 އަހަރުން މަތީގެ ފިރިހެނުން) ދޫކޮށްލުން
- އިސްރާއީލުން 990 އާއި 1،650 އާ ދެމެދުގެ އަދަދެއްގެ ފަލަސްޠީނު ޖަލު ބަންދުގައި ތިބި މީހުން މިނިވަންކުރުން
- ގައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން އިތުރުކުރުން (ކޮންމެ ދުވަހަކު 600 އެހީގެ ޓްރަކު)
އެއްބަސްވުމުގެ ދެވަނަ މަރުޙަލާގައި ބާކީ ތިބި ހުރިހާ ރަހީނުން ދޫކޮށްލުމާއި، ދާއިމީ ހަނގުރާމަ ހުއްޓުމަކާއި، އަދި އިސްރާއީލު ސިފައިން މުޅިން އަނބުރާ ގެންދިއުމާ ބެހޭ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
މި އެއްބަސްވުން އިޢުލާނުކުރުމަށްފަހު، ޙަމާސްގެ ވަގުތީ ގައްޒާ އިސްވެރިޔާ ޚަލީލް އަލް-ޙައްޔާ ވިދާޅުވެފައިވަނީ، ފަލަސްޠީނު ސަރަޙައްދުގައި އިސްރާއީލަށް އޭގެ މަޤްޞަދުތައް ޙާޞިލުކުރުމަށް ނާކާމިޔާބުވެފައިވާ ކަމަށެވެ. އަދި ގައްޒާގައި އިސްރާއީލުން ހިންގާފައިވާ ޢަމަލުތައް ޙަމާސްއިން ދުވަހަކުވެސް މާފެއް ނުކުރާނެ ކަމަށާއި، އެކަންކަން ހަނދާނުންވެސް ފުހެނުލެވޭނެ ކަމަށް އޭނާ ވަނީ ބަޔާންކުރައްވާފައެވެ.